ޚަބަރު

ޖީއެމްއާރުން ވިލާތުގައި އެއަރޕޯޓެއް ތަރައްޤީކުރަނީ


އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ފުރަތަމަ ފަހަރަށް ވިލާތުގެ ޤައުމެއްގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ތައްޔާރުވެއްޖެއެވެ.

ގްރީސްގެ ރަށެއްކަމަށްވާ ކްރީޓުގައި އެއަރޕޯޓެއް ފަރުމާކޮށް، ތަރައްޤީކޮށް ހިންގުމަށް އެޤައުމުގެ ސަރުކާރުންވަނީ ޖީއެމްއާރަށް ޙަވާލުކޮށްފައެވެ. ޖީއެމްއާރާއި އެކުންފުންޏާއިއެކު މަޝްރޫޢު ހިނގުމުގައި ބައިވެރިވާ ގްރީސްގެ ގެކް ޓަރނަރ ކުންފުނިން ގްރީސް ސަރުކާރާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަރޕޯޓު ތަރައްޤީކުރުމަށް ހޭދަވާ 5 އަހަރު ހިމެނޭގޮތަށް 35 އަހަރަށް އެއްބަސްވުމުގެ މުއްދަތު ދެމިގެންދާނެއެވެ. އަދި އެމުއްދަތުގައި ޖީއެމްއާރުން އެއަރޕޯޓު ހިންގާނީ ގްރީސްގެ ދެކުންފުންޏާ ގުޅިގެންނެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއަށް ޚަރަދުކުރަނީ ސީދާ ގުރީސްގެ ސަރުކާރުންނެވެ. އެހެންކަމުން އެއަރޕޯޓު ތަރައްޤީކުރުމަށް އެއްވެސް ލޯނެއް ނަގަން ނުޖެހޭނެކަމަށް ޖީއެމްއާރުން ބުނެއެވެ.

ޖީއެމްއާރުން އެއަރޕޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކްރީޓަކީ ގްރީސްގެ އެންމެ ބޮޑު އަދި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެވެ. އެޤައުމުގެ ދެވަނައަށް އެންމެ ބޮޑު އެއަރޕޯޓު އޮންނަނީ އެރަށުގައެވެ. ނަމަވެސް މިލިޔަނުން މީހުން ޒިޔާރަތްކުރާ ކްރީޓުގެ އެއަރޕޯޓަށްވަނީ ޖާގައިގެ ދަތިކަމާއި ކުރިމަތިލާންޖެހިފައެވެ. އަލަށް ތަރައްޤީކުރެވޭ އެއަރޕޯޓާއެކު އެމައްސަލައަށް ޙައްލެއް ގެނެވޭނެކަމަށް ބެލެވެއެވެ.

ޖީއެމްއާރު ގުރޫޕުގެ ޗެއަރމަން ސްރިނިވަސް ބޮމިޑަލާ ވިދާޅުވިގޮތުގައި ވިލާތުގައިި އެފަދަ މަޝްރޫޢެއް ހިންގުމަށް ބީލަން ކާމިޔާބުކުރި ފުރަތަމަ އިންޑިޔާ ކުންފުންޏަށް ޖީއެމްއާރުވުމަކީ އެކުންފުންޏަށްލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މީގެ ކުރިން ދިވެހިރާއްޖެއާއި ތުރުކީވިލާތުގައިވެސް އެއަަރޕޯޓު ހިންގި ޖީއެމްއާރުން މިހާރުވެސް ތިން އެއަރޕޯޓެއް ހިންގައެވެ. އެއީ އިންޑިއާގެ ދިއްލީ އެއަރޕޯޓާއި ހައިދަރުއާބާދު އެއަރޕޯޓުގެ އިތުރުން ފިލިޕީންސްގެ މެކްޓަން ކެބޫ އެއަރޕޯޓެެވެ. އިންޑިޔާގެ ގޯއާގައި ތަރައްޤީކުރަމުންދާ އެއާޕޯޓަކާއި ގްރީސްގެ ކްރީޓުގައި ތަރައްޤީކުރާ އެއަރޕޯޓު ހިންގަން ފެށުމުން އަހަރަކު 170 މިލިއަން މީހުނަށް އެކުންފުނިން ޚިދުމަތް ދޭނެއެވެ.