ކުޅިވަރު

ބައިބަލާ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ


މާދަމާރޭ ފަށާ މިއަހަރުގެ ބައިބަލާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ބައިބަލާ އެސޯސިއޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މުބާރާތުގެ މެޗުތައް ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. 

މިރޭ ސޮއިކުރި އެއްބަސްވުމުގައި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު އަސްއަދުއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ސޭލްސް މުޙައްމަދު އަހުމަދު ހުސެއިން ( ހަނަފީ ) އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބައިބަލާ އެސޯސިއޭޝަންގެ ރައީސް އައްސަދު ވިދާޅުވީ މިމަސައްކަތަކީ ބުރަމަސަތެއްކަމަށާއި މިކަމުގައި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ." އަސްލު މިމަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް. އެހެންނަމަވެސް ސަންގާއި ޓީވީއެމްއިން މިދެއްވި އެއްބާރުލުމަށްޓަކައި އެދެމުއައްސަސާގައި މަސައްކަތްކުރާ އެންމެ ފަރާތްތަކަށާއި ވެރިންނަށް ބައިބަލާ އެސޯސިއޭޝަނުން ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. " އަސްއަދު ވިދާޅުވިއެވެ.ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ސޭލްސް މުޙައްމަދު އަހުމަދު ހުސެއިން ވިދާޅުވީ މިފަދަ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޕީއެސްއެމްއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އެގޮތުން ބައިބަލާ މެޗްތައް ލައިވް ކުރުމުގައި މިފަހަރުވެސް ޕީއެސްއެމްއިން އެއްބާރުލުން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

" ބައިބަލާއަކީ އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްތަކުގައި ވަރަށް ފުންމާނައެއްކުރެވޭ ކުޅިވަރެއް. އެބޭފުޅުންގެ ހިތްތަކުގައި ވަރަށް ޚާއްސަ ޤަދަރެއް ދެވިފައިވާ ކުޅިވަރެއް. އެގޮތުން ޕީއެސްއެމްއިން، ޕަބްލިކް ސަރވިސް މީޑިއާއިން އަބަދުވެސް އަހައްމިއްޔަތުކަމެއްދޭ ކަމެއް އެކަންކަން އިތުރަށް ތަރައްޤީކޮށް މިފަދަ ކަންކަން އިތުރަށް ފުޅާ ދާއިރާއެއްގައި ޙިއްސާކޮށްލުމުގައި އަޅުގަނޑުމެންނަށް ވެވުނު އެންމެ ފުރިހަމަޔަކަށް އެއްބާރުލުން ދިނުން "  މުޙައްމަދު އަހުމަދު ހުސެއިން ވިދާޅުވިއެވެ. 

މުބާރާތުގެ މެޗުތަކުގެ ލައިވްފީޑް ސަންގު ޓީވީއަށް ދިނުމާއި ގުޅޭގޮތުންވެސް މިރޭ ވަނީ ސޮއިކޮށްފައެވެ. މާދަމާރޭ ފަށާ ބައިބަލާ މުބާރާތުގައި 53 ޓީމް ވާދަކުރާނެއެވެ. މުބާރާތުގައި 52 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. 

މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ބައިބަލާ އެސޯސިއޭޝަނުން ވަނީ ކަނޑައަޅާފައެވެ.