ޚަބަރު

"މަސަލަސް ރާއްޖެ" ނަމުގައި ހޭލުންތެރިކުރުމުގެ ޚާއްސަ ޕްރޮގުރާމެއް!


ދައުލަތުގެ ހުރިހާ މުޢައްސަސާތަކާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ޤައުމީ ހޭލުންތެރިކަމުގެ ޕްރޮގުރާމެއް މުޅި ރާއްޖޭގައި ހިންގުމަށް ނިންމައިފިއެވެ.

"މަސަލަސް ރާއްޖެ" ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމް އިފްތިތާހު ކޮށްދެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ފަށާ މި ހަރަކާތަކީ ދައުލަތުގެ ހުރިހާ މުއައްސަސާގެ ބައިވެރިވުމާއިއެކު ހިންގޭ ޤައުމީ ބޮޑު ހަރަކާތެއްކަމަށެވެ.

މިހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 4 ފިޔަވައްސަކަށް ބަހާލައިގެންކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީއިން އޭޕްރީލްގެ ނިޔަލަށް ހިންގާ ޕްރޮގުރާމު ޚާއްސަ ކުރެވިފައިވަނީ އިންތިޚާބްތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްކަމަށެވެ. ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބްގެ ދުވަސްވަރަށްވުމުން މި ޕްރޮގުރާމުގެ ފުރަތަމަބައިގައި އިންތިޚާބްތަކާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމުން އިންތިޚާބްގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާއަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، 12 ދާއިރާއަކުން މަޢުލޫމާތު ދިނުމަށް ހިންގޭ މިހަރަކާތުގައި ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރި ކުރުމާއި، ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅުންހުރި މައުލޫމާތުތަކާއި، އަންހެނުންނާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅޭ މައުލޫމާތުތައް ދިނުންފަދަ މުހިންމު ބައިތަކެއް ހިމެނިގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިއީ ސިލްސިލާ ގޮތެއްގައި އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން ހިންގާ ޤައުމީ ބޮޑު ޕްރޮގުރާމެއް. މިޕްރޮގުރާމުގެ ސަބަބުން ރައްޔިތުން ބޭނުންވާ މުހިންމު ގިނަ މައުލޫމާތުތަކެއް ދެވިގެންދާނެ. 4 ފިޔަވައްސަކަށް ބަހާލައިގެން އަޅުގަނޑުމެން މިހިންގާ ޕްރޮގުރާމުތަކުގައި ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ތަފާތު ގިނަ ދާއިރާތަކުން މައުލޫމާތު ދެވިގެންދާނެ. މިއީ ޤައުމީ ބޮޑު ހަރަކާތެއް." ޝަރީފް ވިދާޅުވި.

މި ހަރަކާތުގައި ބައިވެރިވި މުއައްސަސާތަކުން ވަނީ މިފަދަ ހަރަކާތެއް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލާފައެވެ. އެގޮތުން ކޮންމެ މުއައްސަސާއަކުންވެސް ވަނީ މި ޕްރޮގުރާމުގައި ބައިވެރިވާ 16 މުއައްސަސާ ގުޅިގެން ކަނޑައެޅިފައިވާ 12 ދާއިރާގެ މައުލޫމާތު ވަރަށްފުރިހައަށް ރައްޔިތުންނާއި ހަމައަށް ހިއްސާކުރެވިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި މިގޮތައް މިކަން ކުރުމުން ދައުލަތުގެ ވަކިވަކި މުއައްސަސާތަކުން ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގުރާމުތައް ހިންގުމަށްވެސް ލުއިތަކެއްވެ، ޕްރޮގުރާމުތައް ހިންގަން ފަސޭހަވެގެންދާނެކަމަށް މިމުއައްސަސާތަކުން ފާހަގަކުރިއެވެ.