ޚަބަރު

ޕެންޝަން ފަންޑުން ޙައްޖަށް ދެވޭ 6561 މީހުން އެބަތިބި


ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށްދިޔުމުގެ ޝަރުތު ހަމަވާ 6561 މީހުން އެބަތިބިކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ.

ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. ޕެންޝަން އޮފީހުން ވިދާޅުވީ ފަރުޟް ޙައްޖުވުމަށް ޕެންޝަން ފަންޑުގައި ރަޖިސްޓްރީވެފައި ތިބި 6561 މީހުންގެ ޝަރުތު ހަމަވާކަމަށެވެ. މިގޮތުން މި ފަރާތްތަކުގެ ތެރެއިން މިއަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ޖަމާޢަތްތައް މެދުވެރިކޮށް ހައްޖަށް ދެވޭނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ. ނަމަވެސް މިސްކީމުން ޙައްޖަށް މީހުން ގެންދަން ބޭނުންވާނަމަ ޖަމާޢަތްތަކުން ޕެންޝަން އޮފީހާއެކު އެމްއޯޔޫއެއްގައި ސޮއިކުރަންޖެހޭނެކަމަށް އެއޮފީހުން ވިދާޅުވެއެވެ. މިހާތަނަށް ޕެންޝަން އޮފީހާއެކު މިގޮތަށް ސޮއިކޮށްފައިވަނީ ހައްޖު ކޯޕަރޭޝަނުން އެކަނިއެވެ. އަދި މިހާރުވެސް އެހެން ޖަމާއަތްތަކަށް އެފުރުޞަތު އޮތްކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. ޕެންޝަން އޮފީހުން ވިދާޅުވީ މިދިޔަ އަހަރު އެ ސްކީމްގެ ދަށުން 13 ފަރާތެއް ހައްޖަށް ގޮސްފައިވާކަމަށެވެ.

ޕެންޝަން ސްކީމްގައި ހައްޖަށް ދާންބޭނުންވާ ފަރާތްތަކާ މެދު އަމަލުކުރާގޮތާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަނުން ޢަމަލު ކުރަމުންދަނީ އެހެން ފަރާތްތަކާމެދުވެސް ޢަމަލުކުރާ އުޞޫލުން ކަމަށެވެ. މިގޮތުން ހައްޖަށް ދާން ދައްކަންޖެހޭ ފައިސާގެ 25 އިންސައްތަ ދެއްކުމުން ޙައްޖު ކިއުއަށް އެރޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން ތިންސަތޭކަ ތިރީސް ހަހާސް ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމުވެސް ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.

ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެންނަށް ފައިސާ ދޫކުރަންޖެހޭނެއެވެ. އަދި އެ ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންނެވެ.

ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.