ރިލީޒް ނުލިބުމުގެ ސަބަބުން ހައްވާ ރާޝިދާ ނުލައި
ޤައުމީ އަންހެން ވޮލީ ޓީމް ތަމްރީން ހޯދުމަށް ތައިލެންޑަށް ފުރައިފިއެވެ. އިންޑިއަން
އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ އަންހެން ވޮލީ ޓީމް ތައިލެންޑްގައި
މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ޓީމްގެ މުޙިއްމު ކުޅުންތެރިޔާ ހައްވާ
ރާޝިދާއަށް ތަމްރީން ދަތުރުގައި ބައިވެރި ނުވެވުނީ ވަޒީފާ އަދާކުރާ ޕޮލިހުން
ރިލީޒު ނުލިބުމުގެ ސަބަބުންކަމަށް ޖެނެރަލް ސެކެޓްރީ ހުސެއިން މުޙައްމަދު
ވިދާޅުވިއެވެ. ޓީމްގެ ކޯޗު އިބްރާހީމް ޖަލީލް ވިދާޅުވީ ގިނަ ދުވަސްތަކެއްގެ
ފަރިތަކުރުންތަކަށްފަހު ގޭމްސްގެ ކުރިން މިފަދަ ތަމްރީން ދަތުރެއް ލިބުމުން އޭގެ
ފައިދާ ވަރަށް ބޮޑަށް ކުރާނޭކަމަށެވެ.
" މަހެއްހާ ދުވަހުގެ ފަރިތަކުރުންތަކަށްފަހު މިފަދަ ދަތުރެއް މިލިބުނީ. މިދަތުރުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ. ގޭމްސްގެ ކުރިން ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކުރެވޭނެ. " ކޯޗު ޖަލީލް ބުންޏެވެ.
ނަމަވެސް ގޭމްސްއަށް
އަދި ވަކި އަމާޒެއް ކަނޑައެޅިފައި ނުވާކަމަށާއި ދަތުރުކުރެވޭނެ ހިސާބަކާއި މެދު
އެއްޗެއް ބުނަން އިނގޭނީ ވާދަކުރަން ޖެހޭ ޓީމްތަކުގެ ފެންވަރު އެނގިގެންކަމަށްވެސް ކޯޗު ބުންޏެވެ.
" މައުލޫމާތު ލިބޭގޮތުން ޢާއްމުކޮށް ވާދަކުރާ ޓީމްތަކަށްވުރެ ގޭމްސްގައި ވާދަކުރާ ޓީމްތައް ޓެކްނިކަލީ ދަށް. ނަމަވެސް ޕަވަރއާއި ފިޒިކަލީ ރަނގަޅުކަމަށް މައުލޫމާތު ލިބެނީ. އެއްޗެއް ބުނަން އިނގޭނީ އެކޮޅަށް ގޮސް ޓީމްތަކުގެ ކުޅުން ފެނުމުން. " ޖަލީލް ބުންޏެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނީ އަންނަ މަހުގެ އެކަކުން ދިހަޔަކަށް ރީޔޫނިއަންގައެވެ.