ޚަބަރު

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފްތަރު 7 ދުވަހުގެތެރޭގައި އެކުލަވާލަން ޖެންޑާ މިނިސްޓްރީއަށް އަންގައިފި


ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަނެ އެފަދަ ޢާއިލާތައް ދަފްތަރުކޮށް، ޤަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް، 7 ދުވަހުގެ ތެރޭގައި ޤާއިމްކުރުމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންގައިފިއެވެ.

ގއ.ކަނޑުހުޅުދޫގައި އިތުބާރުކުރެވޭ މަޤާމެއްގައިތިބި ފަރާތްތަކުން 2 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިކަމުގައި ދައުލަތުގެ ގިނަ މުވައްސަސާތަކާއި ކަނޑުހުޅުދޫ ކައުންސިލްގެ އިހުމާލުވުން ބޮޑުކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކޮމިޓީން މިމައްސަލާގައި ފާހަނގަކުރި ކަންކަމުގެ މައްޗަށް 7 ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ފެށިގެން ކުރިއަށް އޮތް 7 ދުވަސް ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ދެނެގަނެ މިފަދަ ޢާއިލާތައް ދަފްތަރުކުރުކޮށް މިފަދަ ޢާއިލާތައް ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް ޖެންޑާ މިނިސްޓްރީން އެކުލަވާލުމަށް ވަނީ ކަނޑައަޅާފައެވެ.

ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ދެނެގަނެ، 28 ޖަނަވަރީ 2020 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި މިމައުލޫމާތު ހިމެނުމަށްވެސް ޖެންޑާ މިނިސްޓްރީއަށް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދަޢުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމަޢަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖަޢާކޮށް، މިފަދަ މީހުން މޮނިޓަރކުރާނެ ނިޒާމެއް 19 ޖަނަވަރީ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން އެކުލަވާލުމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުޢީ މަރުޙަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، 19 ޖަނަވަރީ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްގައި ވަނީ އަންގަވާފައެވެ.

މިމައްސަލާގައި ޝާމިލުވާ ކުޑަކުއްޖާގެ މަންމައަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލި ޝަރީއަތް ނުހިންގިފައިވާ މީހެއްކަން ފާހަގަކޮށްފައިވެއެވެ. އަދި އެކުއްޖާގެ ބައްޕައަކީ ޖިނާއީ އެތައް މައްސަލައެއްގައި ޝާމިލުވާ ފަރާތެއްކަން ފުލުހުންގެ ރިޕޯޓްތަކުން އެގެން އޮތްކަމަށްވެސް މި ރިޕޯޓްގައި ފާހަނގަކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުއްޖާގެ ކާފައަކީ މީގެކުރިންވެސް ކުޑަކުދިންނާއި ބެހުނު މައްސަލައެއްގައި 2018ވަނަ އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ފަރާތަކަށްވާއިރު އުމުރަށް ބަލާފައި މުޖުތަމައަށް ދޫކޮށްލާފައިވާ މީހެއްކަންވެސް ފާހަނގަކޮށްފަިއވެއެވެ.

މިރިޕޯޓްގައި މިމައްސަލަގައި ޝާމިލުވާ ފަރާތްތަކަށް ވީހާވެސްއަވަހަށް އިންސާފު ގާއިމްކޮށް މިފަދަ މައްސަލަތައް ތަކުރާރު ނުވާނޭހެން ކަންކަން ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި ވީހާވެސް ކުރު މުއްދަތެއް ހޭދަވާނޭ ގޮތަކަށް ކަންކަން ބައްޓަންކުރުމަށްވެސް ދައުލަތުގެ ކަމާިއބެހޭ ފަރާތްތަކަށް ރިޕޯޓްގައި ގޮވާލާފައިވެއެވެ.