ޚަބަރު

އަތޮޅުތަކުގައި އުޅޭ ބިދޭސީން މޮނިޓަރ ކުރާނެ ސިސްޓަމެއް ތަޢާރަފުކޮށްފި


އަތޮޅުތަކުގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ޓްރެކް ކުރެވޭނެ ޚާއްސަ ސިސްޓަމެއް އިމިގްރޭޝަނުން ތަޢާރަފުކޮށްފިއެވެ.

އިމިގްރޭޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އަތޮޅު މޮޑިއުލް" ނަމުގައި ތަޢާރަފްކުރި މިސިސްޓަމް އިފްތިތާހުކުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

އަތޮޅު މޮޑިއުލްއަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ކަމާގުޅުން ހުރި ހުރިހާ ތަންފީޒީ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ވިއުގައެކެވެ. އަދި މިއީ މި ފަރާތްތަކުގެ މަސައްކަތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ވިއުގައެއްކަމަށާއި މިކަމުން ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ވިއުގައަކީ ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް އިމިގްރޭޝަނުން ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ވިއުގަ ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސިންގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކަށް ދެނެގަނެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ބިދޭސީން އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރާއިރު އެމީހުންގެ ހަރަކާތްތައް ފުރިހަމައަށް އެނގިގެން ދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިވިއުގަ ބޭނުންކޮށްގެން ބިދޭސީންގެ ސައްހަ މަޢުލޫމާތު ހިމެނޭގޮތަށް ރަށްވެހި ބިދޭސީ އާބާދީ ބެލެހެއްޓޭނެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންނަކީ ރާއްޖޭގައި ހުރުމުގެ ހުއްދައާ އެއްގޮތަށް އުޅޭ ބިދޭސީންކަން ނުވަތަ ނޫންކަން މިމަޢުލޫމާތުގެ އަލީގައި ދެނެގަނެވޭނެއެވެ. މިޚިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން މިއަހަރުގެ ޖޫންމަހުން ފެށިގެން މި ވިއުގައަށް ބަޔޯމެޓްރިކްސްގެ ޤާބިލްކަން އިތުރުކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

ބަޔޯމެޓްރިކްސް ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ޝަހުސު ދެނެގަނެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިގޮތުން އިނގިލީގެ ނިޝާން ބޭނުންކޮށްގެން ބިދޭސީ މީހާގެ ޝަހުސު ދެނެގަތުމާއި ރާއްޖޭގައި ހުރުމަށް އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލް ޔަޤީން ކުރެވޭނެކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ. އަދި މޫނުގެ ސިފަ ބޭނުންކޮށްގެން ސްމާރޓް ފޯނު މެދުވެރިކޮށް ބިދޭސީ މީހާގެ ޝަހުސު އަދި ރާއްޖޭގެ ހުރުމަށް އެފަރާތަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލް ބެލޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމަށް ޚާއްސަކޮށްގެން ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީންވެސް އަންނަނީ ހިންގަމުންނެވެ.