ޚަބަރު

އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލެވެން ޖެހޭ - ރައީސް


އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލައި ހަމަހަމަ ދުނިޔެއެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ތަޙްނިޔާ ފޮނުވައި ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ މިދުވަސް ފާހގަކުރަމުންދާއިރު އިންސާނުންގެ ދިރިއުޅުން ކުރިއެރުމަށްޓަކައި، އަންހެނުންގެ ޢަދަދު ނުކުރެވޭވަރުގެ ޙިއްސާއެއް އޮންނަކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން ރައިސް ވިދާޅުވީ ދުނިޔެ ކުރިއެރުވުމުގައި އަންހެނުންގެ ފުރިހަމަ އެއްބާރުލުން ދިނުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލަންޖެހޭކަމަށެވެ.

މިއަދު އަންހެނުންގެ ދުވަސް ފާހަގަކުރުމުންދާއިރު ސަރުކާރުން ވަނީ ވެރިކަމުގައި އަދި މުޖުތަމަޢުގައިވެސް އަންހެނުންގެ ދަޢުރު ފުޅާކޮށް ބާރުވެރިކުރުވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެމަނިކުފާނުގެ ކެބިނެޓްގައި ހަތް އަންހެން ވަޒީރުން ތިއްބަވާއިރު، އެންމެ މަތީ ޝަރުއީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ވަނީ އައްޔަންކުރައްވާފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް މިހާރު އަންހެން ބޭފުޅުން އިތުރުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ %33 ގޮނޑި، އަންހެނުންނަށް ޚާއްސަކޮށް ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނެސް، ކައުންސިލްތަކުގައި އަންހެނުންގެ ބައިވެރިވުން ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުންވެސް ރައީސްވަނީ ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހުރި ދަތިތައް ޙައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކޮށްދީ ގޭގައި ތިބެގެންވެސް ޢާމްދަނީ ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ދަނީ ކޮންމެ އަހަރެއްގެ މާޗު މަހުގެ އަށްވަނަ ދުވަހުއެވެ. އަދި މިޢަދުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އީޗް ފޯރ އީކުއަލް"އެވެ.