ކޯވިޑް-19އަށް ޝައްކުވާ އަލާމާތްތައް ފެނިގެން މީރު އައިލެންޑު ރިސޯޓުން ޓެސްޓު ކުރި އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
ކޯވިޑް -19އަށް ޝައްކުވާ އަލާމާތްތައް ފެނުނު ބަޔަކު ތިބެގެން މީރު އައިލެންޑް ރިސޯޓު އަރާފޭބުން ކުރިން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ރިޒޯޓުން ޓެސްޓު ކުރި 12 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާތީ މިހާރު އެ ރަށް އޮތީ މޮނީޓަރިން ހާލަތަށް ގެނެސްފައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މީގެ އިތުރުން އިއްޔެ ރާއްޖެ އައި ޤަތަރު އެއަރވޭސް އިން ދަތުރުކުރި ދިވެއްސެއް ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން އެމީހާ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި 9 ބިދޭސީންވަނީ އެމީހުން ބުކިންގ ހައްދާފައިވާ ތަންތަނަށް ފޮނުވާލާފައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް އަންގާފައިވާކަމަށާއި ކުރޫންގެ ތެރެއިން 2 ބިދޭސީއަކު ވިލިވަރުގައި ކަރަންޓީން ކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި އެންމެންނަކީވެސް ބިދޭސީންނެވެ.
ޕޮޒިޓިވް ކޭސްތައް:
ކުރެއްދޫ އައިލެންޑް ރިސޯޓް: 5 މީހެއް.
ބަތަލާ ރިސޯޓް: 2 މީހުން.
ކުރަމަތި ރިސޯޓް: 2 މީހުން.
އަނަންތަރާ ދިގު ރިސޯޓް: 2 މީހުންނާއި.
އައިލެންޑް ސަފާރީ ބޯޓް: 2 މީހުން.
އެޗްޕީއޭ އިން ބުނީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި 11 މީހަކު އެބަތިބި ކަމަށާއި ވިލިވަރު ކަރަންޓީނު ފެސިލިޓީގައި 18 މީހަކު އެބަތިބި ކަމަށެވެ. އަދި ހަތަރު މީހަކު އައިޖީއެމްއެޗްގެ ޚާއްސަ ޔުނިޓެއްގައި ވެސް ވަނީ އެޑްމިޓްކޮށްފައެވެ.