ކުޅިވަރު

އައިއޯއައިޖީ އެތްލެޓިސްއިން 5 ނުވަތަ 3 ރަން މެޑަލް


 އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެތްލެޓިކްސް ޓީމުން ތިނެއް ނުވަތަ ފަސް ރަން މެޑަލް ހޯދުމަށް އަޒުމް ކަނޑައަޅާފައިވާކަމަށް މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފިއެވެ. އެތްލެޓިސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވި އެތްލެޓިކްސްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ޤައުމީ ޓީމްތަކުން ހޯދާ މެޑަލްތަކުގެ ތެރެއިން ތިންބައި ކުޅަ އެއްބައި މެޑަލްއަކީ އެތްލެޓިކްސްއިން ހޯދާ މެޑަލްއަށް ހެދުންކަމަށެވެ.

 ތޮލާލް ވިދާޅުވީ އެތްލެޓިސް ޓީމުން މެލޭޝިޔާގައި ރަނގަޅު ތަމްރީންތަކެއް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މުބާރާތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި ޖޮހޯރުގައި އޮންނަ ޖޮހޯރު އޯޕަން އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ޖޮހޯރަށް ޓީމް މިހާރު ގޮސްފައިވާކަމަށެވެ. ތޮލާލް ވިދާޅުވީ މިމުބާރާތުގައި ބައިވެރިވަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާއިރު މުބާރާތްތަކުގެ ތަޖްރިބާ ކުޅުންތެރިންނަށް ހޯދައިދިނުމަށްކަމަށެވެ. ކުރިއަށް މިއޮތް ދެ ދުވަހު އެތްލީޓުން ޖޮހޯރުގައި ވާދަކުރާނީވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ހީޓް ތަކުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ފަރިތަކުރުންތައް ނިމިފައިވާކަމަށާއި ދެން އޮތީ މުބާރާތުގައި ނަތީޖާ ހޯދުންކަމަށެވެ. އަދި ސާއިދުއާއި އެއްވަރަށް މިހާރު އެތްލެޓިސް ޓީމްގައި ހިމެނޭ އެހެން އެތްލީޓުންނަށްވެސް ރަން މެޑަލް ހޯދިދާނެކަމަށް ތޮލާލް ވިދާޅުވިއެވެ. 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އަންހެން އެތްލީޓުންގެ ތެރެއިން ގިނަ ދުވަސްތަކަކަށްފަހު ދުވުމުގެ ތެރެއަށް ނިކުން ޝަމްހާ އަހުމަދު ބުނީ ގިނަ ދުވަސްތަކަކަށްފަހު ދުވަން ނުކުތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި ޚާއްޞަކޮށް ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަކީވެސް ވަރަށް ބޮޑު ޗެލެންޖެއްކަމަށެވެ. ޝަމްހާ ބުނީ އެތްލެޓިކްސް އެސޯސިއޭޝަންގެ އުއްމީދާ އެއްވަރަށް ދުވެވޭކަމަށް ޤަބޫލްކުރާކަމަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޤަބޫލްކުރާކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އެތްލެޓިކްސް ޓީމްގައި ހިމެނެނީ އެގާރަ އެތެލީޓުންނެވެ. އެއީ ފިރިހެން އަށް އެތްލީޓުންނާއި އަންހެން ތިން އެތްލީޓުންނެވެ.