ޚަބަރު

ކޯވިޑް-19: ކާމިޔާބު ވެކްސިންއެއް ތައްޔާރުކުރުމަށް ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފި


ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބު ވެކްސިނެއް ތައްޔާރުކުރުމަށް ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ގޮވާލައްވައިފިއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ވަކިވަކި ޤައުމުތަކުން މި މަސައްކަތް މިހާރު ކުރަމުންދިއުމުގެ ސަބަބުން ވެކްސިނެއް އުފެއްދުމުގައި ކާމިޔާބުވެފައި ނުވާކަން ފާހަގަކޮށްފައެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވަނީ، ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބު ވެކްސިނެއް ތައްޔާރުކުރުމަށް ގުޅިފައިވާ މަސައްކަތެއްކުރުމަށް ގޮވާލައްވާފައެވެ. ދުނިޔޭގައި ވަކި ވަކި ޤައުމުތަކުން މި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޓެޑްރޮސް ވަނީ ވަކިވަކި ޤައުމުތަކުން ކުރާ މި މަސައްކަތް ކާމިޔާބުވެފައިނުވާކަން ފާހަގަކުރައްވާފައެވެ. ޑަބްލިއުއެޗްއޯގެ "ސޮލިޑަރިޓީ ޓްރައިލް" ގައި މިހާރު ގިނަ ޤައުމުތަކެއް ބައިވެރިވަމުންދާކަން އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެގޮތުން އާޖެންޓީނާ، ބަހްރެއިން، ކެނެޑާ، ފްރާންސް، އީރާން، ނޯވޭ، ދެކުނު އެފްރިކާ، ސްޕެއިން، ސްވިޓްޒަލޭންޑް އަދި ތައިލެންޑުންވަނީ މި މަސައްކަތުގައި ބައިވެރިވެފައެވެ.

ވައިރަސް ފެތުރޭ މިންވަރު ދަށްކުރުމަށް ވައިރަހަށް ޝައްކުކުރެވޭ އެންމެން ހަލުވިކަމާއެކު ތަހުލީލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ގެބްރިއޭސުސް ވިދާޅުވީ މިދުވަސްކޮޅު އިޖްތިމާޢީ ދުރުކަން ބެހެއްޓުމަށް ސަމާލުވާންޖެހޭކަމަށެވެ. އަދި އެއްވެ އުޅުން މަދުކޮށް، ވައިރަސް ހަލުއިކަމާއެކު ފެތުރެންފެށުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު ކޮރެޔާ މިސާލެއްގެގޮތުގައި ނަންގަވާ ގެބްރިއޭސުސް ވިދާޅުވީ އެޤައުމުންވަނީ ވައިރަހަށް ތަޚުލީލުކުރެވޭ މިންވަރު އިތުރުކޮށް، އެޤައުމުގެ ރައްޔިތުންނަށް ވައިރަސް ފެތުރޭ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކޮށްފައިކަމަށެވެ. އަދި ވައިރަހުގެ އަސަރު ކޮށްފައިވާ މީހުންނާއި ބައްދަލުވި މީހުން ދެނެގަތުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ބަލިފެތުރޭ މިންވަރު އެޤައުމުގައި ވަރަށް ބޮޑަށް ދަށްކުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވާނީ ހުރިހާ ޤައުމަކުންވެސް އެއްކޮށް މަސައްކަތްކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.