ޚަބަރު

ކޯވިޑް-19 : ވައިރަހާއި ދެކޮޅަށް ރާއްޖެއިން އެޅި މުހިއްމު ފިޔަވަޅުތަކާއި އޭގެ ނަތީޖާ


ޗައިނާގެ ވޫހާންއިން ފެނުނު ކޯވިޑް-19 ވައިރަށް އެޤައުމުގައި ބާރަށް ފެތުރެން ފެށުމާއި އެކު، ރާއްޖެއަށް އޮތް ނުރައްކާ ވަޒަންކޮށް ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ހާއްސަކޮށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމަށް ވުމާއިއެކު، ރާއްޖެއަށް ބަލި ނައިސް ނުދާނެކަން ދުރާލައި ދެނެގަނެ ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅުއްވަން ފައްޓަވާފައެވެ.

މިގޮތުން ޗައިނާ އާއެކު ދުނިޔޭގައި ބަލި ފެތުރެން ފެށިތާ މިހާތަނަށް 3 މަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، ރާއްޖެއިން ވައިރަހަށް ޕޮޒިޓިވް މީހަކު ފެނިފައި ވަނީ 2 މަސްދުވަށް ފަހުންނެވެ. އަދި ރާއްޖެއިން ދިވެއްސަކު ވައިރަހަށް ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހަފްތާގައެވެ.

ރާއްޖެއިން ފެނުނު ކޯވިޑް-19ގެ ގިނަ ކޭސްތަކަކީ އިމްޕޯޓް ކޭސްތަކެވެ. އަދި ބައްޔަށް ޕޮޒިޓިވް ދިވެހިންގެ ތެރެއިން 2 މީހުންނަކީވެސް ރާއްޖެއިން ބޭރުން އައިސްފައިވާ ދެމީހުންނެވެ.

މިނަތީޖާގައި ރާއްޖެއަށް ހިފަހައްޓާލެވިފައި މިވަނީ ކަމާއި ބެހޭ ފަރާތްތަކުންނާއި، ސިއްޙީ ޚިދުމަތްތެރީންގެ މިންނަތް މަސައްކަތުންނާއި ދުރު ވިސްނުމުންނެވެ. ސިއްޙީ ދާއިރާގެ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އެވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާއިރު، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވަނީ، ރާއްޖެއަންނަ މީހުންގެ ސަބަބުން މުޖުތަމައުގެ ތެރެއަށް ބަލި ފެތުރިގެން ދިޔަ ނުދިނުމަށެވެ.

އަދި ވައިރަހަށް ޕޮޒިޓިވްވި ގިނަ ބަޔަކު ބަލިން ރަނގަޅު ކުރެވިފައި ވާއިރު، ސިއްޙީ ޚިދުމަތަށް ބޭނުންވާ ވަސީލަތްތައްވެސް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ހަލުވިކޮށްފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކަށް ވައިރަސް ފެތުރުގެން ދިޔަ މިންވަރާއި ނިސްބަތަށް ބަލާއިރު ރާއްޖެއިން ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެފައެވެ. އެކަން ޑަބުލިޔުއެޗްއޯ އާއި ކަމާއިގުޅޭ ބޭރުގެ އެހެން ފަރާތްތަކުންވެސް ވަނީ ފާހަގަކުރައްވާފައެެވެ.

ޕީއެސްއެމްނިއުސްގެ އާސްކް ޕީއެސްއެމްގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޤައުމުތަކަށް ޢާއްމުކޮށް އެހީތެރިވާ ޤައުމުތަކުން އެހެން ޤައުމުތަކުގެ އެހީއަށް އެދެމުން އަންނަކަމަށާއި ވައިރަހުގެ ސަބަބުން މިބައްޔާ ހަނގުރާމަކުރުމަށް ތިބި ޑޮކްޓަރުން މަރުވަމުން ދަނީ އެކަށީގެންވާ ވަޞީލަތްތައް ބޮޑެތި ޤައުމުތަކުގައިވެސް ނެތުމުންކަމަށެވެ.

"ސިއްޙަތަށް ރަނގަޅު ކާނާ ބޭނުންކުރުމުން ދިފާޢީ ނިޒާމު ވަރުގަދަ ވާނެ ކޮންމެހެންވެސް. އެކަމަކު އޭގެ މާނައެއް ނޫން އަޅުގަނޑުމެންގެ ތެރެއިން ވައިރަސް ނުފެންނަނީ މިތަކެތި ބޭނުންކުރާތީއޭ، ނުވަތަ އަޅުގަނޑުމެނަށް ވައިރަސް ޖެހުމުގެ ޗާންސް ކުޑައޭ. ސަރުކާރުންނާ އެޗްޕީއޭއިން ނަގަންފެށި ޕްރޮޓެކްޓިވް ސްޓެޕްތަކަކާ ހެދި އަސްލުގަ މިހާތަނަށް ރާއްޖެއިން މިބަލި ފެނުން ލަސްކުރެވިފަވެސް އޮތީ. ފަހުން އަދި މީތި އިވެލުއޭޓްކޮށްލީމަ އެނގިލައްވާނެ. ރާއްޖެއިން ނަގާފަހުރީ އާދަޔާ ޚިލާފު ފިޔަވަޅުތަކެއްކަން." ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

ވައިރަސް ފެށިގެން ދިޔައިރު، ދިވެހި ޑޮކްޓަރުންނާއި ސިއްޙީ މާހިރުންނަށް މިފަދަ ވައިރަހެއްގެ ސަބަބުން ނުކުމެދާނެ ނަތީޖާ އަންދާޒާކުރެވުނެވެ. އެބޭފުޅުންނަށް ވައިރަހުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ދެގޮތަކަށް ވަޒަންކުރެވުނެވެ. ރާއްޖެ ފަދަ ވަޞީލަތް މަދު ޤައުމަކަށް ވައިރަސްގެ ނުރައްކާ ކުއްލިއަކަށް ކުރިމަތިވއެއްޖެނަމަ މީހުން އެޑްމިކްޓުކުރުމުގައި ދިމާވާނެ ގޮންޖެހުން ވަޒަންކުރެވުނެވެ. ކޯވިޑް ނަވާރައާއި ގުޅިގެން އެންމެ ފުރަތަމަ މީޑިއާއަށް ނުކުމެވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމް ހޮސްޕިޓަލުގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑރ.މޫސާ ހުސެއިން ވަނީ އޭގެ ކުރިން ރާއްޖެއަށް އައި އިންފްލުއެންޒާގެ އައުޓްބްރޭކުން މިކަމުގެ ބިރުވެރިކަން ދެނެގަނެވިފައިވާކަން ހާމަކުރައްވާފައެވެ. ދިވެހިން ބޭނުންކުރީ ދިވެހިންގެ ތަޖުރިބާއާއި ބޭރުގެ ކަމުގެ މާހިރުންގެ އިރުޝާދާއި ހުރިހާ ޙާލެއްގައިވެސް ކޯވިޑް-19ގެ ހަނގުރާމައިގައި އެކަތިގަނޑަކަށް ވުމުގެ އުކުޅެވެ.

ރާއްޖެއަށް އިމްޕޯޓުވާ ބަލީގެ ކޭސްތައް ކޮންޓްރޯލް ކުރެވުނު ނަމަވެސް، މިވައިރަހަކީ އަދިވެސް އޭގެ ތަބިއަތް އެންމެ ފުރިހަމައަށް ހޯދިފައިވާ ވައިރަހަކަށް ނުވާތީ، އާއްމުންގެ ތެރެއަށް ބަލި ފެތުރިގެން ދިޔަ ނުދިނުމަށް މިވަގުތަށް ކުރެވެން އޮތް އެންމެ ބޮޑުކަމަކީ އިޖުތިމާއީގައިދުރުކަން ބެހެއްޓުމާއި، ގެއިން ބޭރަށް ނުނުކުންނެވުމެވެ. ސިއްޙީމާހިރު އަބަދުމެ އެކަމަށް އިރުޝާދުދެއްވަމުން އެގެންދަވަނީ އެންމެންގެ ރައްކަލަށެވެ.