ޚަބަރު

"އޯ ނެގެޓިވް" ލެ އާއި "ބީ ނެގެޓިވް" ލޭ ހަދިޔާ ކޮށްދެއްވާ!


"އޯ ނެގެޓިވް" ލެ އާއި "ބީ ނެގެޓިވް" ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް އިން އެދިއްޖެއެވެ. މި ދެ ގުރޫޕުގެ ލެޔަކީ އާއްމުކޮށް ހޯދަން ވަރަށް ދަތި ލޭގެ ގްރޫޕްތަކެކެވެ.

މޯލްޑިވިއަން ބްލަޑް ސާވިސްއިން ވަނީ ކޯވިޑް-19 އާ ގުޅިގެން ލޭ ލިބުން ދަތިވެފައިވާތީ ލޭ ހަދިޔާކުރުމަށް އެދިވަޑައިގެންފައެވެ. އަދި ޚާއްސަކޮށް "އޯ ނެގެޓިވް" ލެ އާއި "ބީ ނެގެޓިވް" ލޭ ހަދިޔާކުރުމަށްވަނީ އެދިފައެވެ. އެގޮތުން ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށް ލޭ ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން ބުނެއެވެ.

ބްލަޑް ސެންޓަރަށް ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ. އެހެންނަމަވެސް ކޯވިޑް-19 ގެ މިދަނޑިވަޅުގައި ލޭ ލިބުން ވަނީ ދަތިވެފައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއަށް އާއްމުގޮތެއްގައި ލޭ ލިބެނީ ރިޒޯޓްތަކުން ހިންގާ ކޭމްޕްތަކާއި މާލޭގައި ހިންގާ ތަފާތު ކޭމްޕްތަކުންނެވެ. އެގޮތުން ވޮލެންޓިއަރކޮށްގެން ލޭހަދިޔާ ކުރާ މީހުންގެ އިންސައްތައަކީ 33 އިންސައްތައެވެ. އަދި ޕޭޝަންޓް އަމިއްލައަށް ހޯދައިގެން ލޭ ހަދިޔާ ކުރާ މީހުންގެ އިންސައްތައަކީ 67 އިންސައްތަ ކަމަށް މޯލްޑިވސް ބްލަޑް ސަރވިސްއިން ބުނެއެވެ. އަދި ރާއްޖޭގެ ތިނެއް އިންސައްތަ މީހުން ޤަވާއިދުން ލޭ ހަދިޔާ ކުރާނަމަ ލޭ ލިބުގައި ދިމާވާ ދަތިތައް ހައްލުކުރެވޭނެ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން ބުނެއެވެ.

އުމުރުން 18 އަހަރުވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ ކޮންމެ މީހަކަށްވެސް ލޭ ހަދިޔާކުރެވޭނެއެވެ. ލޭ ހަދިޔާކުރެވޭނީ އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތީ މީހުންނަށެވެ. ސިއްހަތު ރަނގަޅު މީހުންނަށް ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރެވޭނެއެވެ.

މުޅި ރާއްޖޭގައި ތެލަސީމިއާ ކުދިންގެ ނިސްބަތަށް ބަލާއިރު މިހާރުވެސް ގަވާއިދުން ލޭ އަޅަންޖެހޭ 635 ކުދިން ރާއްޖޭގައި އެބަތިއްބެވެ. މީގެތެރެއިން 300 އަށްވުރެ ގިނަ ކުދިން ޚިދުމަތް ހޯދަނީ މާލޭގައި ހުންނަ ނޭޝަނަލް ތެލަސީމިއާ ސެންޓަރުންނެވެ.