ޚަބަރު

މާރޗްމަހު ޖަލަށް ގެންދިޔަ މީހުންގެ އަދަދު މަދުވެއްޖެ


މާޗްމަހު ޖަލަށް ގެންދިޔަ މީހުންގެ އަދަދު ފާއިތުވި ފެބްރުއަރީމަހަށްވުރެ މަދު ކަމަށް ކަރެކްޝަންސްއިން ހާމަކޮށްފިއެވެ.

ކަރެކްޝަންސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި މާޗްމަހުގެ ތެރޭގައި ޖަލަށް ގެންދެވިފައިވަނީ 60 މީހެކެވެ. މިމީހުންގެ ތެރެއިން 35 މީހުންނަކީ އެކިއެކި ކުށްތައް ސާބިތުވެގެން ޖަލަށް ލެވިފައިވާ މީހުންނެވެ. މާޗްމަހުގެ ތެރޭގައި ޖަލަށް ގެންދިޔަ ޤައިދީންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކާއި ގުޅިގެން ޙުކުމް ކުރި މީހުންނެވެ. ޖަލަށް ލީ މީހުންގެ ތެރެއިން 37 އިންސައްތަ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލީ މީހުންނެވެ.

ފެބްރުއަރީ މަހު ޖަލަށްލާފައިވަނީ 68 މީހެކެވެ. އޭގެ ތެރެއިން 52 މީހުންނަކީ އެކިއެކި ކުށްތައް ސާބިތުވެގެން ޖަލަށް ލީ މީހުންނެވެ. މިދިޔަމަހު ޖަލަށް ގެންދިޔަ ޤައިދީންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކާއި ގުޅިގެން ޙުކުމް ކުރި މީހުންނެވެ.

މާރޗްމަހުގައި ޖަލަށް ލީ މީހުންގެ ތެރެއިން 8 އިންސައްތަ މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި ޖަލަށް ހުކުމްކުރެވިފައިވާ މީހުންނެވެ. 6 އިންސައްތަ މީހުން ޖަލަށް ލާފައިވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައެވެ. 3 އިންސައްތަ މީހުންނަކީ ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލަށް ލީ މީހުންނެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ޖަލަށް ވެއްދުން މަނާ ތަކެތި އަތުލައިގަނެފައިވާ ކަމަށް ކަރެކްޝަންސް އިންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޖަލުގައި ތިބި ގައިދީންގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގިނަބަޔަށް އެފުރުސަތު ހޯދަދީފައިވާ ކަމަށްވެސް ކަރެކްޝަންސްއިން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.