ޚަބަރު

ދެކުނު ކޮރެޔާގެ ގިނަ ބަޔަކަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހިއްޖެ


ކޯވިޑް-19 ޖެހުމަށްފަހު ރަނގަޅުވެފައިވާ 91 މީހަކަށް އަލުން އެބަލި ޖެހިފައިވާކަމަށް ދެކުނު ކޮރެޔާއިން ބުނެފިއެވެ.

ދެކުނު ކޮރެޔާގައި ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމުގައި އިސް ދައުރެއް އަދާކުރާ މަރުކަޒެއްކަމަށްވާ ކޮރެޔާ ސެންޓާސް ފޮރ ޑިސީސް ކޮންޓްރޮލް އެންޑް ޕްރެވެންޝަން، ކޭސީޑީސީގެ ވެރިޔާ ޖިއޮންގް އެއުން ކިޔޮންގް ވިދާޅުވީ ކޯވިޑް-19 ޖެހި ރަނގަޅުވި މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަސް އަލުން ޙަރަކާތްތެރިވެފައިވާކަމަށް ބެލެވޭކަމަށެވެ. އެކަމާބެހޭ ޞިއްޙީ ތަޙުޤީޤުތަކެއް ކުރިއަށްދާތީ އެކަން ހިނގާދިޔަ ގޮތް ސާފުނުވާކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކިޔޮންގް ވިދާޅުވިއެވެ.

ކޯވިޑް-19 ޖެހި ރަނގަޅުވާ މީހުންނަށް އަލުން އެބަލި ޖެހުމުގެ ފުރުޞަތު އޮތުމަކީ ބައިނަލްއަޤުވާމީ މުޖްތަމަޢު ވަރަށް ކަންބޮޑުވާކަމެކެވެ. ކޯވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އެބައްޔާ ދެކޮޅަށް ދިފާޢުވުމުގެ ބާރު ލިބޭނެކަމަށް ދުނިޔޭގެ ގިނަޤައުމުތަކުން ދެކެއެވެ. ނަމަވެސް، ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރެ، އަލުން ކޯވިޑް-19 ޖެހޭތީ އެބަލިމަޑުކަމާގުޅޭގޮތުން އިތުރު ހޯދުންތަކެއް ހޯދަންވަނީ މަޖުބޫރުވެފައެވެ. ކޯވިޑް-19އަކީ އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އެބަލި ޖެހޭ ގިނަ މީހުން ރަނގަޅުވަނީ 14 ވަރަކަށް ދުވަހުގެ ތެރޭގައި އަމިއްލައަށެވެ.

ދެކުނު ކޮރެޔާގައި 10,480 މީހުންނަށް ކޯވިޑް-19 ޖެހި، 7,243 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެކުނު ކޮރެޔާގައި 30 މީހަކަށް ކޯވިޑް-19 ޖެހިފައިވެއެވެ. އެއީ އެޤައުމުގައި ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހުނު މީހުންގެ އެންމެ ދަށް ޢަދަދެވެ. މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު އެޤައުމުގައި ދުވާލެއްގެ މައްޗަށް 900 މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ.