ޚަބަރު

ކޯވިޑް-19: އެއްވެސް ކަސްޓަމަރަކު "ޕެންޑަމިކް" އިންޝުއަރެންސްއެއް ނުނަގާ - އަމާނަ ތަކަފުލް


މިހާތަނަށް އައިރު އެއްވެސް ކަސްޓަމަރަކު އާންމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ތައްޔާރުވެ، "ޕެންޑަމިކް" އިންޝުއަރެންސްއެއް ނަގާފައި ނުވާކަމަށް، ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތްދޭ އަމާނަތަކަފުލްއިން ހާމަކުރައްވައިފިއެވެ.

އަމާނަތަކަފުލްއިން ވަނީ މިފަދަ އިންޝުއަރެންސްއެއް ނެތުމުން ދިގު މުއްދަތަކަށް މިފަދަ ކަންކަން ދެމިގެން ހިނގައްޖެނަމަ އޭގެ ގެއްލުން ތަޙައްމަލުކުރަންޖެހޭލެއް ބޮޑުވާނެކަން ހާމަކުރައްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ކަވަރޭޖްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، އަމާނަތަކަފުލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރިޔާޒް ވިދާޅުވީ، އިންޝުއަރެންސްއަށް އާންމުން އަހުލުވެރިވެފައިވީނަމަވެސް، އަދިވެސް އިންޝުއަރކުރަންޖެހޭ ޙާލަތްތަކާއި ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ހަނގުރާމައާއި، ޓެރަރިޒަމްގެ ޙާލަތްތައް ފަދަ ޙާލަތްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޝުއަރެންސް ޕެކޭޖްތަށް ނަގާފައިވާއިރު، މިހާތަނަށް އައިރު އެއްވެސް ކަސްޓަމަރަކު އާންމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ތައްޔާރުވެ، "ޕެންޑަމިކް" އިންޝުއަރެންސްއެއް ނަގާފައި ނުވާކަކަމުގައި އޭނާ ވިދާޅުވިއެވެ. މިފަދަ ޙާލަތް ތަކަކީ، ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެކަމަކަށް ވެގެންދާއިރު، މި ފަދަ އިންޝުއަރެންސެއް ނެތް ނަމަ މި ޙާލަތުގެ ގެއްލުން ތަޙައްމަލުކުރަންޖެހޭލެއް ބޮޑުވާނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މި ސަބަބަށްޓަކައި އަމާނަ ތަކަފުލްއިން އާންމުން ހޭލުންތެރިކޮށް ކަސްޓަމަރުން އަހުލުވެރިކުރުމަށް ނިންމާފައިވާކަމަށް އިބްރާހިމް ރިޔާޒް ވިދާޅުވިއެވެ.

"މިކަމުގެ މިސާލަކަށް ބަލާލަމާ ހިނގާ. ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު ވިމްބަލްޑަން ޓެނިސް މުބާރާތް ހުއްޓާލާފައިވަނީ މިހާރު އެކަނި. އެހެންނަމަވެސް މި މުބާރާތް ހިންގާ ފަރާތުން ދިޔައީ ކޮންމެއަހަރަކުވެސް ޕެންޑަމިކް އިންޝުއަރެންސްއެއް ނަގަމުން. މިސަބަބައްޓަކައި މިއަދު އެފަރާތައް ލިބޭ ގެއްލުން ކުޑަކުރުމުގެ އެހީވެދޭތަން މި ފެންނަނީ"

އަމަނަ ތަކަފުލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރިޔާޒް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ޙާލަތު އެސެސްކޮށް ކުރިއަށް އޮތްތަނުގައި އިތުރު އައު ޕެކޭޖްތަށް ޙާލަތާއި ގުޅުވައިގެން ނެރުމަށް ވަނީ ނިންމާފައެވެ. އަމާނާ ތަކަފުލްއިން ކޯވިޑް-19 އާއި ގުޅިގެން ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބެއްވުމަށްވެސް ހަމަޖައްސާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްވެ.