ޚަބަރު

ތައިލެންޑުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، 10 މިލިއަން މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތައިލެންޑުގައި 28 މީހުންނަށް ކޯވިޑް-19 ޖެހި، އިތުރު 2 މީހުން މަރުވެއްޖެއެވެ.

ތައިލެންޑުގައި ކޯވިޑް-19ގެ ޙާލަތު ދެނެގަތުމަށާއި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ މަރުކަޒުގެ ތަރުޖަމާނެއްކަމަށްވާ ޓަވީސިން ވިސަނަޔުތިން ވިދާޅުވީ އަލަށް ކޯވިޑް-19 ޖެހުނު 28 މީހުންގެ ތެރެއިން 18 މީހުންނަކީ ބަލިޖެހުނު އެހެންބަޔަކާ ގުޅުންއޮތް ބައެއްކަމަށެވެ. އަދި 7 މީހުންނަކީ ބަލިޖެހުނު އެހެންބަޔަކާ އެއްވެސް ގުޅުމެއްނެތް ބައެއްކަމަށާއި އަނެއް 3 މީހުންނަކީ އިންޑޮނޭޝިޔާއަށް ދަތުރުކޮށްފައިވާ ތައިލެންޑުގެ ރައްޔިތުންކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ތައިލެންޑުން އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނުފަހުން 2,579 މީހުންނަށް އެބަލި ޖެހި، 40 މީހުންވަނީ މަރުވެފައެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ތައިލެންޑަށްވަނީ ކޯވިޑް-19ގެ ސަބަބުން ބޮޑެތި އިޤްތިޞާދީ އަދި މާލީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.

ތައި ޗެންބަރ އޮފް ކޮމާރސްގެ ކައުންސިލް މެންބަރެއްކަމަށްވާ ކަލިން ސަރަސިން އަންދާޒާކުރައްވާގޮތުގައި ކޯވިޑް-19ގެ ސަބަބުން ތައިލެންޑުގެ އިޤްތިޞާދަށްކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން މިހާތަނަށް 7 މިލިއަނެއްހާ މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ. އަދި މިހާރުއޮތް ޙާލަތު ކުރިއަށްއޮތް ދެތިން މަސްދުވަހަށް ދިގުލައިގެންގޮސްފިނަމަ ވަޒީފާ ގެއްލުނު މީހުންގެ ޢަދަދު 10 މިލިއަނަށް އަރާނެކަމަށްވެސް އޭނާވަނީ ލަފާކޮށްފައެވެ. ތައިލެންޑުގައި ވަޒީފާ އަދާކުރާ 38 މިލިއަން މީހުން ތިބިކަމަށް ހިސާބުތަކުންދައްކައެވެ.

ތައި ޗެންބަރ އޮފް ކޮމާސްގެ ޗެއަރމަން ތޮސަޕޯން ސިރިސުންޕަންދު ވިދާޅުވީ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރާ ޙިއްސާކުރައްވާފައިވާނެކަމަށެވެ. އެފިޔަވަޅުތަކުގެ ތެރޭގައި ލުއި ލޯނު ދޫކުރުމާއި ޓެކްސް މަޢާފުކުރުމާއި މާލީ އެހީތެރިކަންފޯރުކޮށްދިނުން ހިމެނެއެވެ.

މިއަހަރަކީ 1998ވަނަ އަހަރު އޭޝިޔާއަށް ކުރިމަތިވި މާލީ ކާރިޘާއަށްފަހު ތައިލެންޑުގެ އިޤްތިޞާދަށް އެންމެ ބޮޑު ގެއްލުމެއްވާނެ އަހަރުަކަމަށްވަނީ ބެލެވިފައެވެ.