ކޯވިޑް-19

ކޯވިޑް-19 : އާއްމުން ހޮސްޕިޓަލަށް ގޮސްގެން ޑޮކްޓަރަށް ދެއްކުން އޭ.ޑީ.ކޭއިން މެދުކަނޑާލައިފި


އާއްމުން ހޮސްޕިޓަލަށް ގޮސްގެން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އޭ.ޑީ.ކޭ ހޮސްޕިޓަލުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މިގޮތަށް ޚިދުމަތްދިނުން މެދުކަނޑާލިނަމަވެސް، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ލިބޭނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ. އަދި އޮންލައިން ކޮންސަލްޓޭޝަނަށްފަހު، ހޮސްޕިޓަލަށް ބަލި މީހާ އަންނަންޖެހިއްޖެ ޙާލަތެއްގައި، އެ އިންތިޒާމް ހޮސްޕިޓަލުގެ ފަރާތުން ހަމަޖައްސައިދޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހޮސްޕިޓަލަށް މީހުން ޖަމާވާ ޖަމާވުން މަދުކުރުމުގެ ގޮތުން، އޭ.ޑީ.ކޭއިން އަންނަނީ އޮންލައިން ކްލިނިކްތަކެއް ތަޢާރަފުކޮށްފައެވެ. އެގޮތުން ހުމާއި ރޯގާއަށް ޚާއްސަކޮށްގެން ފްލޫ ކްލިނިކެއް އެ ހޮސްޕިޓަލުން ޤާއިމުކޮށްފައިވަނީ މާރިޗުމަހުގެ 14 ވަނަ ދުވަހުއެވެ. އަދި މާރިޗުމަހުގެ 24 ވަނަ ދުވަހު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި، ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް އޮންލައިންކޮަށް ވަނީ ދޭންފަށާފައެވެ. ފްލޫ ކްނިނިކަށް ހިލޭ ޑޮކްޓަރަށް ދެއްކުމާއި އާސަންދައިން ހިލޭ ބޭސް ލިބޭއިރު، އެހެނިހެން ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް އެ ހޮސްޕިޓަލުން ވަނީ ޤާއިމުކޮށްފައެވެ.

އޮންލައިން ފްލޫ ކްލިނިކަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކަށް ޑިޖިޓަލް މެމޯއެއް ފޯނަށް ލިބޭނެކަމަށާއި، ވައިބަރ ނުވަތަ ސްކައިޕްގައި ބޭނުންކުރާ ނަންބަރު ހޮސްޕިޓަލާއި ހިއްސާކުރުން މުހިއްމުކަމަށް އޭޑީކޭއިން ބުނެއެވެ. އަދި "އާސްކް އޭޑީކޭ" މެދުވެރިކޮށް ވައިބަރ، ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖަރއިން ކިއު ތަރުތީބު ބަލާލެވޭނެ ކަމަށާއި، ކިއު ތަރުތީބުން އޮންލައިން ކްލިނިކްގެ ޑޮކްޓަރު ގުޅާ، ބަލިމީހާގެ މަޢުލޫމާތު ހިއްސާކުރުމަށްފަހު ކޮންސަލްޓޭޝަންގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.