ކޯވިޑް-19

ކޯވިޑް-19 : މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުން އެހީވެއްޖެ


މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުންނަަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާ، އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވީ، މާލޭގައި މަގުމަތިވެފައިވާ 80 އަށްވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މިނިސްޓްރީއާ ޙަވާލުކުރުމާ ގުޅިގެން، އެ ފަރާތްތަކަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެސިޓީ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މިފަދަ 400އަށް ވުރެ ގިނަ ފަރާތްތަކަށް އެހީވުމަށްޓަކާ ސިޓީ ކައުންސިލްއާއެކު މަސައްކަތްކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިދަނޑިވަޅުގައި ހާލުގައިޖެހި އެހީތެރިކަން ބޭނުންވާ އެއްވެސް ފަރާތަކެއްގެ މަޢުލޫމާތު ލިބިފައިވާނަމަ ލަސްނުކޮށް 3328393 އަކަށް ގުޅުއްވާ، އެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.