ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 100އަށްވުރެ މައްޗަށް


މާލެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

މިއެންމެންނަކީވެސް ބިދޭސީންނެވެ. މިއީ ބިދޭސީން ދިރިއުޅޭ ތަންތަނުން ކަރަންޓީނަށް ގެންގޮސް ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވާ މީހުންކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

މިއަދުވަނީ މީގެކުރިން އިތުރު 9 މީހަކު ކޯވިޑަށް ޕޮޒިޓިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަންގްލަދޭޝް 5 މީހުންނެވެ. މިއާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 88 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު މިވަނީ 108 އަށް އަރާފައެވެ.

މިއެންމެންވެސްތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައިކަމަށް އެޗްޕީއޭއިން ވިދާޅުވޭ. މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައި އުޅޭމީހުންވެސް ފެނިފައިވާތީ އެމީހުންނާއި ދިމާވި އިތުރުބަޔަކު ވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެކަން ރިޕޯޓްކުރުމަށް އެފަރާތުންވަނީ އާންގަވާފައެވެ.