ޚަބަރު

ކޯވިޑް-19 : "އިރުޝާދުތަކަށް ޢަމަލުނުކުރެވޭނަމަ ނުކަތާވަރަށް ބެލިޖެހޭ މީހުން ފެނިދާނެ"


މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ފެތުރި ބަލިޖެހޭ މިންވަރަށް ބަލާއިރު، މިހާރު ދެވިފައިވާ އިރުޝާދުތަކަށް ޢަމަލުނުކުރެވިއްޖެނަމަ ޞިއްޙީ ނިޒާމަށް ނުކަތާވަރަށް މީހުންނަށް ބަލިޖެހުމުގެ ބިރު އެބައޮތްކަމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މުޖުތަމައުގައި ބަލި ފެތެރެމުންދާ މިދަނޑިވަޅުގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ބަލި އިތުރަށް ފަތުރޭ މިންވަރު މަދުކޮށް ކޮންޓްރޯކުރުންކަމަށެވެ. މިމަސައްކަތުގައި މިހާރު މުޅި ރާއްޖޭގައާއި، ވަކިން ޚާއްސަކޮށް މާލެ އޭރިއާ ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުނުކުރެވޭނަމަ އިތުރަށް ބަލިފެތުރި ޞިއްޙީ ނިޒާމަށް ނުކަތާވަރަށް ބަލިޖެހޭ މީހުން އިތުރުވުމަކީ އެކަށޭގެންވާކަމެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިހާތަނަށްވެސް ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް މިކަމުގައި ކަމާއިބެހޭ ފަރާތްތަކަށް ލިބިފައިވަކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ. އަދި މިޙާލަތަކީ ރައްޔިތުންގެ އެއްބާރުލުން އެންމެބޮޑަށް ބޭނުންވާ ވަގުތުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި މިހާރު ބަލި ފެތުރެމުންދާ މިންވަރު ދެނެގަތުމަށް ހަދަމުންދާ ސަރވޭތަކުގައި މިހާތަނަށް ބަލި ހުރިކަމަށް ދެނެގަނެވިފައި ނުވާ ތަންތަނުން ނެގި ސާމްޕަލްތަކުންވެސް މީހުން ޕޮޒިޓިވް ވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިވަގުތު އެޗްޕީއޭއިން އެންމެ ބޮޑު އިސްކަމެއްދެނީ ބަލިޖެހޭ މީހުން އަވަހަށް ދެނެގަނެ ބަލީގެ ކުރީކޮޅުގައި އެމީހުން ފާހަގަކޮށް ފަރުވާދިނުމަށެވެ. މި މަސައްކަތް މާލެ ތެރޭގައިވެސް އަދި އަތޮޅުތަކުގައިވެސް ކުރަމުންދަނީ އެއް އުސޫލަކުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިދުވަސްވަރަކީ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރަކަށް ވެފައި މޫސުމަށް އަންނަ ބަދަލާއިއެކު އިތުރު ބަލިތައް ނުފެތުރޭނެގޮތަކަށް ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ އެންމެހައި ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރެވޭ މަސައްކަތަކަށްވާއިރު، މިމަސައްކަތުގެ މިހާލަތުގައި ހުރިހާ އެންމެން ގުޅިގެން އިތުރު ހިތްވަރެއް ލާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޞިއްޚީ މަސައްކަތްތެރިންނާއި އެނޫންވެސް ޚިދުމަތްތެރިން ރެއާއި ދުވާލު ކުރަމުންދަނީ ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތްކަމަށާ، މިމަސައްކަތުގައި މިހާތަނަށް ރައްޔިތުންދެއްވި އެއްބާރުލުން އިތުރު ހަރުދާގޮތެއްގައި ދެއްުވުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.