ޚަބަރު

ކޯވިޑް-19 : ށ.ނަރުދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް


މިމަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާތަނަށް ޕްރައިމަރީ ކޮންޓެކްޓްވި 113 މީހުންގެ ތެރެއިން 9 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވް ވުމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ގިނަ ބަޔަކާއި ކޮންޓެކްޓް ވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އޭގެ ތެރެއިން 9 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 8 މީހުން ނިސްބަތްވަނީ ނަރުދޫއަށް ކަމަށެވެ. އަދި އަނެއްމީހާއަކީ މިލަންދޫއަށް ނިސްބަތްވާ މީހެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ނިސްބަތްވާ ނަރުދޫގައި މިހާރު މުޖުތަމައުގައި ބަލި ފެތުރޭކަމަށް ބެލެވޭތީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ޑރ.އަފްޒަލް ވަނީ ވިދާޅުވެފައެވެ.

98 މީހުންނާއެކު ށ.ނަރުދޫއަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބޯޓު ވަނީ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައެވެ.

"މިކަމާ ގުޅިގެން އެޗްޕީއޭއިންވަނީ ށ.މާއުނގޫދޫ، ފީވަށް، މިލަންދޫ، ގޮއިދޫ، ނަރުދޫ އަދި ނ އަތޮޅުން ހޮޅުދޫ މާފަރު، މިލަދޫ، ކެނދިކޮޅުދޫ އަދި ވެލިދުއާއި ހދ. ހިރިމަރަދޫ، ކުޅުދުއްފުށި, ހއ. އުތީމު، ދިއްދޫ. ބ.ކެންދޫ އިން މިބޯޓުގެ ކެޕްޓަނާއި އަދި ދަތުރުކުރި މީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް ކޮށްފައި. އަދި މިކަމާއި ގުޅޭ އިތުރު މީހަކު އެއްވެސް ރަށަކުން ފާހަގަކުރެވިފައުވާނަމަ އަޅުގަނޑުމެންނަށް އަންގަވާ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިރަށްރަށް މިހާރުވަނީ މޮނީޓަރިންގެ ޙާލަތުގައެވެ. މިއީ ވަރަށްބޮޑު ކްލަސްޓަރއަކަށްވުން އެކަށީގެންވާކަމަށާ މިބޯޓުގައި ދަތުރުކުރި އެންމެންނާ ސީދާ ދިމާވިމީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެންއީއޯސީންވަނީ ވިދާޅުވެފައެވެ. އެބޯޓުގައި ދަތުކުރި މީހުންނާއި އެމީހުން ދަތުރުކުރި ރަށްރަށުގެ މީހުންވެސް ބައްޔަށް ޝައްކުކުރެވޭނަމަ އެންއީއޯސީއަށް ނުވަތަ އެރަށެއްގެ ސިއްޙީ ޚދިމަތްދޭ މަރުކަޒަށް ގުޅުމަށް އެންއީއޯސީން ވަނީ އިލްތިމާސްކުރައްވާކަމަށެވެ. އަދި ޢަލާމާތް ފެންނަނަމަ ލަސްނުކޮށް ސައްޙަ މަޢުލޫމާތު ދެއްވުމަށްވެސް ޑރ.އަފްޒަލް ވަނީ އިލްތިމާސް ކުރައްވަފައެވެ.