ޚަބަރު

ކޯވިޑް-19 : ވެންޓިލޭޓަރުތައް ގެނައުމަށް ޙަވާލުކޮށްފައިވަނީ ސަރުކާރަށް އިތުބަރުހިފޭ ކުންފުނިތަކާ


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަމަޖެއްސި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކޮށްފައިވަނީ މެޑިކަލް އިންސްޓްރޫމަންޓާއި މެޝިނަރީސް ސަޕްލައި ކޮށްދެމުންދާ ފަރާތްތަކުގެ ތެރެއިން ސަރުކާރަށް އިތުބާރުހިފޭ އަދި ވެންޓިލޭޓަރ ގެނެވިދާނެކަމަށް ފެންނަ ތިން ކުންފުޏަކާކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި މައްޗަން ގޯޅި ދެކުނު ދާިއރާގެ މެމްބަރު އަހުމަދު ހައިތަމް ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަ އަމީން ވިދާޅުވީ ވެންޓިލެޓަރު ގެނައުމަށް ޙަވާލުކުރައްވާފައިވާނީ ވޭތުވެދިޔަތަނުގައި މިނިސްޓްރީއަށް މެޑިކަލް އިންސްޓްރޫމަންޓާއި މެޝިނަރީސް ސަޕްލައި ކޮށްދެމުންދާ އެމިނިސްޓްރީއަށް އިތުބާރުހިފޭ ކުންފުނިތާކަމަށެވެ. ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވަނީ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ނާޑް ޕްރައިވެޓް ލިމިޓެޑާއެވެ.

ކުންފުނިތަކާ ޙަވާލުކުރި ވެންޓިލޭޓަރުތައް ސަޕްލައިކުރުމަށް ކުންފުނިތަކުން ކަނޑައަޅާފައިވާ މާޙައުލަތުގައި ގެނައުމަށް ދަތިތައް ކުރެމަތިވެފައިވަނީ ވެންޓިލޭޓަރ އުފައްދާ ގައުމުތައް ފުރަބަންދުކޮށްފައިވުމާއި އެފަދަ ޤައުމުތަކުން ވެންޓިލޭޓަރު ހޯދުމުގެ ދަތިކަން ހުރުމާއި އެފަދަ ތަކެތި އުފައްދާ ކުންފުނިތަކުގެ މަސައްކަތަށްވެސް ހުރަސްތަކެއް ކުރިމަތިވެފައިވުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ބޮޑެތިޤައުމުތަކަށްވެސް ވެންޓިލޭޓަރ ބޭނުންވެފައިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވުމާއި އަދި ދަތުރުފަތުރުގެ ދަތިކަމުން ކުންފުނިތަކަށް ތަކެތި ސަޕްލައި ކޮށްދިނުމަށް ލަސްތަކެއްވާނެކަމަށް އެމިނިސްޓްރީއަށްވަނީ މައުލޫމާތު ލިބިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވެންޓިލޭޓަރު ސަޕްލައި ކޮށްދެވޭނެކަމަށް ކުންފުނިތަކުން ދީފައިވާ އެއްމެފަހުގެ މައުލޫމާތުގައި ވާގޮތުން މެޑްޓްކް މޯލްޑިވްސްއާ ޙަވާލުކޮށްފައިވާ ވެންޓިލޭޓަރތަކުގެ ތެރެއިން 18 ވެންޓިލޭޓަރު 1 މެއި 2020 ގައި ރާއްޖެ ގެނެވޭނެކަމަށް ވަނީ އަންގާފައެވެ. އަދި އެކުންފުންޏާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރތަކުގެ ތެރެއިން 10 ވެންޓިލޭޓަރ 15 މެއި 2020 ގައި ރާއްޖެ ގެނެވޭނެކަމަށްވެސް ވަނީ އަންގާފައެވެ. އަދި އެކުންފުންނާއި ހާވާލުކޮށްފައިވާ ބާކީހުރި ވެންޓިލޭޓަރތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން އެމިނިސްޓްރީއާ ހިއްސާކުރާނެކަމަށް ކުންފުނިން ވަނީ އަންގާފައިކަމަށް މިނިސްޓަރ ވިދަޅުވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދަޅުވިގޮތުގައި ނާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ 20 ވެންޓިލޭޓަރ އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައި ވުމުގެސަބަބުން އިތުރު ގޮތްތަކެއް ހޯދަމުން ދާކަމަށް 22 އެޕްރީލް 2020 ގައި ހެލްތު މިނިސްޓރީއަށް ވަނީ އަންގާފައެވެ. އަދި އެގްޒެކިޔުޓާ ޖެނެރަލް ޓްރޭޑިންގ އާއި ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރ 1 މެއި 2020 ގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ނުރައްކާތެރި ހާލަތައް ގޮސްދާނެ ވަގުތަކަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖެއަށް 200ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ޚާއްސަ ކަމެއްގެއްގެ ގޮތުގައި ކުރުމަށް ޕޮލިސީ ކޮމިޓީން ނިންމާފައިވަނީ 15 މާރޗް 2020 ވަނަ ދުވަހުއެވެ.