އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯކޮށްލާފައި ވަނީ ޑިންގީއެއްގައި އެރަށާ ކައިރިކުރި ބަޔަކު ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ މަހިބަދޫގެ ފަޅުގައި އަޅާފައި އޮތް ލޯންޗްތަކުގައި ރޯކޮށްލީ ޑިންގީއެއްގައި އެ ރަށާ ކައިރިކުރި ބަޔަކު ކަމަށާއި އެމީހުން ލޯންޗްތަކުގައި ރޯކޮށްލީ އަލިފާން ހިފާ އެއްޗެއް ފުޅިއަކަށް އެޅުމަށްފަހު ފުޅީގައި ރޯކޮށްލައި އުޅަނދުތަކަށް އެއްލައިގެން ކަމަށެވެ. ރިޔާޒް ވިދާޅުވީ އޭގެ އެއްފުޅި މޫދަށް ވެއްޓިފައި އޮއްވާ ފެނިފައިވާކަމަށެވެ.
ރިޔާޒް ވިދާޅުވީ ދާދި ފަހުން ލ. އަތޮޅުގައި ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލުމާއި އަދި މިފަހުން ހިނގާދިޔަ ބައެއް އަލިފާނުގެ ހާދިސާތަކުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް ފަސް މީހަކު އުޅޭ ގެ ބަލާ ފާސް ކޮށްފައިވާ ކަމަށާއި ބައެއް ހެކިތައްވެސް ފެނިފައިވާކަމަށެވެ.
މަހިބަދޫ ފަޅުގައި އޮތް ލޯންޗްތަކެއްގައި ރޯކޯށްލާފައިވަނީ މިމަހުގެ 15 ވަނަދުވަހުއެވެ. މިޙާދިސާގައި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސާއި އަމިއްލަ ވިޔަފާރިވެރިވެރިއެއްގެ ދެލޯންޗާއި 2 ޑިންގީއެއްގައި ވަނީ ރޯވެފައެވެ. މިހުރިހާ އުޅަނދެއްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.