ޚަބަރު

ކޯވިޑް-19 : އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 87 އަހަރުގެ މީހެއް


ކޯވިޑް-19އަށް ރާއްޖެއިން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 80 އަހަރުން މަތީގެ 2 މީހަކު ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އިއްޔެ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 23 މީހެކެވެ. މިމީހުންގެ ތެރޭގައި 80 އަހަރުން މަތީގެ 2 މީހެއްވެސް ހިމެނެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިބައްޔަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނެނީ 87 އަހަރުގެ ދިވެހި އަންހެނަކާއި، 80 އަހަރުގެ ދިވެހި އަންހެނެކެވެ. މިދެމީހުންގެ ޙާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 5 އަހަރުގެ ތުއްތު އަންހެން ކުއްޖަކުވެސް ހިމެނެއެވެ. ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ކޯވިޑް-19ގައި ދިފާޢީ ނިޒާމު ބަލިކަށި އުމުރުފުރާތަކުގެ މީހުން ބަލީގެ ސީރިއަސްކަން ބޮޑުވެއެވެ. ރާއްޖޭގައި ބަލިޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ބޮޑު ނިސްބަތެއްވަނީ ޒުވާން އުމުރުފުރާގެ މީހުންނެވެ. 20 އަހަރާއި 40 އަހަރާ ދެމެދުގެ 249 ފިރިހެންކަށް ބަލި ޖެހިފައިވާއިރު، މި ޢުމުރު ފުރާގެ 16 އަންހެނަކަށް ރާއްޖެއިންވަނީ ބަލި ޖެހިފައެވެ.

ތުއްތު ކުދިންގެ ތެރެއިންވެސް ރާއްޖެއިން ވަނީ 8 ކުއްޖަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 1 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނެވެ. 3 ފިރިހެން ކުއްޖަކު މި އުމުރުފުރާއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު، ތުއްތު 5 އަންހެން ކުއްޖަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 61 އަހަރާއި 70 އަހަރާއި ދެމެދު 14 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

ރާޢްޖެއިން މިހާތަނަށް 491 އަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 471 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ބަލީގައި ހާލުދެރަވެ ހޮސްޕިޓަލިގައި ފަރުވާދެމުންދަނީ 6 މީހަކަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 334 މީހުންނަކީ ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ދިވެހިންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 261 މީހެކެވެެ.

ރާއްޖެއިން ބަލި ފެންނަމުންދާ ގޮތާއި، ބަލީގައި ޕިޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސްކުރައްވަމުންނެވެ. ޢާންމު ސާފުތާހިރުކަން އިސްކޮށް، ޑެލިވަރީ ކުރުމުގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭއިން ވަނީ ގޮވާލައްވާފައެވެ. އަދި މިދުވަސްވަރު ކޮންމެހެން ނުކުންނަން ޖެހިގެން ނޫންގޮތަކަށް އެއްވެސް ބޭފުޅަކު ގެއިން ނުނިކުތުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.