ޚަބަރު

ކޯވިޑް-19 : އައިސީޔޫގައި ފަރުވާދޭ 2 މީހުންގެ ހާލު ގޯސް، ދެންތިބި މީހުންގެ ހާލު ދަނީ ރަނގަޅުވަމުން


ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކެއްގެ ފުރަތަމަ ސާމްޕަލް ނެގެޓިވްވެ ހާލު ރަނގަޅުވުމުން، 17 ވަނަ ފަންގި ފިލާއަށް ބަދަލުކުރެވިފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޗަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ އެންމެ ޙާލުބޮޑު ބަލި މީހުންނަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވާ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި 6 މީހަކަށް ފަރުވާ ދެމުންދާކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ޙާލު މިހާރު ރަނގަޅުވެ، ކޯވިޑް-19އަށް ހެދި ފުރަތަމަ ޓެސްޓް ނެގެޓިވްވުމުން ދަރުމަވަންތަ ހޮސްޕިޓަލުގެ 17ވަނަ ފަންގި ފިލާއަށް ބަދަލުކުރެވިފައިވާކަމަށް ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މިމީހާގެ މިވަގުތު ޙާލު ރަނގަޅުވަމުން ދިޔަޔަސް އަދިވެސް ބަލަންޖެހޭ ކަންތައްތައް ބަލަންހުރުމާއި ދެވަނަ ޓެސްޓުގެ ނަތީޖާ އަންނަންދެން މިމީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި މިމީހާގެ ލިވާގެ މައްސަލައެއް ނޫން އިތުރު މައްސަލައެއް މިވަގުތު ނެތްކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދަނީ 5 މީހަކަށެވެ. މީގެ ތެރެއިން 88 އަހަރުގެ ފިރިހެން މީހާ އަކީ މީގެ 3 ދުވަސްކުރިން އެޑްމިޓްކޮށްފައިވާ މީހެކެވެ. މިމީހާގެ ހާލު ރަނގަޅު ނޫންކަމަށާ، އިތުރަށް ބަލި ގޯސްވުމުގެ ފުރުސަތުވެސް އޮތްކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ދެމުންދާ ފަރުވާތަކާއެކު އުންމީދުކުރަމުންދަނީ ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

ފަރުވާދެމުންދާ 49 އަހަރުގެ ފިރިހެން މީހާ ބަލީގައި މާބޮޑު މައްސަލަތަކެއް ފާހަގަނުކުރެވުނު ނަމަވެސް ހުން އައިސް އޮކްސިޖަން ކޮންމެވެސް ވަރަކަށް މަދުވުމުން އޮކްސިޖަންގެ ފަރުވާދެމުންދާކަމަށެވެ. ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 58 އަހަރުގެ އަންހެން މީހާއަކީ މީގެ 6 ދުވަސްކުރިން އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހަކަށްވާއިރު މިމީހާއަށްވެސް އޮކްސިޖަން ދެމުންދާކަމަށެވެ. އަދި މިމީހާގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 80 އަހަރުގެ މީހާގެ ހާލު ގޯސްކަމަށް، ޑޮކްޓަރ މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. މިމީހާއަށް ފަރުވާ ދެމުންދާތާ 12 ދުވަސް ވެފައިވާއިރު ނިއުމޯނިޔާ ޖެހުމުން އިތުރުބޭސްތަކެއްވެސް ދެމުންދާކަމަށާ، މިމީހާގެ ސާމްޕަލް ކޯވިޑް-19އަށް ނެގެޓިވް ނުވާކަމަށްވެސް ޑރ.މުހައްމަދު އިސްމާޢީލް ވިދާޅުވިއެވެ. މީގެ އިތުރުން އައިސީޔޫގައި ފަރުވާ ދެމުންދާ ޢުމުރުން 70 އަހަރުގެ ފިރިހެން މީހާގެ ހާލު ގޯސްނޫންކަމަށާ، މިމީހާ ދޭތެރެ ދޭތެރެއިން ހުންއައިސް ހޮޑުލުން ފިޔަވައި އިތުރު މައްސަލަތަކެއް ފާހަނގަނުވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މިބަލީގެ ގޮތުން 7 ދުވަހުގެ ތެރޭގައި ގަދަހުމެއް އަންނާނެކަމަށާ، މި ހުމަށްފަހު ފަރުވާދެވި ބަލިން ރަނގަޅުވުމުގެ ފަރުސަތު ބޮޑުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.