ޚަބަރު

ކޯވިޑް-19 : އެޗްޕީއޭއިން އަންގާ ތަނެއްގައި ބިދޭސީން ކަރަންޓީން ވުމަށް އަންގައިފި


މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު، މިބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައިކަމަށްވާތީ އެޗްޕީއޭއިން އަންގާ ތަނެއްގައި މިއަދުންފެށިގެން ބިދޭސީން ކަރަންޓީނުވުމަށް އެޗްޕީއޭއިން އަންގަވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައިކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ފެންނާތީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއިން އަންގާ ތަނެއްގައި ބިދޭސީން ކަރަންޓީން ކުރަން ނިންމާފައިވާކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ވަޒީފާއަދާކުރާ ވަކިތަނެއް ނެތި ނުވަތަ މާލެ ސަރަޙައްދުގައި ދިރިއުޅޭނޭ ވަކި ތަނެއް ކަނޑައެޅިފައި ނުވާ ބިދޭސީ މަސައްކަތްތެރިން، އެމީހުން އެކަހެރިކޮށް މޮނިޓަރކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި އެބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ފެންނާތީ އެޗްޕީއޭއިން ކަނޑައަޅާތަނެއްގައި ކަރަންޓީނުކުރުމަށް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން، މޯލްޑިވްސް ޕޮލިސް ސާރވިސް އިން މޮނިޓަރކުރަމުންދާ އެޑްރެސްތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނަކީ ކޯވިޑް-19އަށް މިހާރު ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުގައިވާތީ، މިއެންމެން އެޗްޕީއޭއިން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ސިދާ ގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް ދިމާވެފައިވާ އެންމެހައި ބިދޭސީންގެ ތެރެއިން ކޯވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ކޯވިޑް-19ގެ ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވޭ އެންމެހައި ބިދޭސީންވެސް އެޗްޕީއޭއިން ކަނޑައަޅާތަނެއްގައި ކަރަންޓިން ވުމަށް ވަނީ އަންގަވާފައެވެ. އަދި މިހާލަތްތަކަށް ނުފެތޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ކޯވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ކޯވިޑް-19ގެ ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވޭ އެންމެހައި ބިދޭސީ މަސައްކަތްތެރިންވެސް އެޗްޕީއޭއިން އަންގާ ތަނެއްގައި ކަރަންޓީން ވުމަށް ވަނީ އަންގަވާފައެވެ.