ވިޔަފާރި

ރާއްޖެ ހުޅުވާލުމުން އެންމެ އަވަހަށް އަންނަން ފަށާނެ ކަމަށް ބެލެވެނީ އިޓަލީ ޓޫރިސްޓުން


މިހާރު އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން އިޓަލީ ފަތުރުވެރިން ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ޝައުގުވެރިވާ ކަމަށް އިޓަލީގެ ޓްރެވަލް އެޖެންޓުން ބުނެފި އެވެ.

މިހެން ބުނެފައިވަނީ އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަންގެ ފަރާތުން "ވެބިނާ ރިވޮލިއުޝަން މޯލްޑިވް" ގެ ނަމުގައި އެމީހުންގެ އެޖެންޓުންނަށް އަމާޒުކޮށްގެން ބޭއްވި ވެބިނާ ސެޝަނެއްގެ ތެރެއިންނެވެ.

ގާތްގަނޑަކަށް 100 އެއްހާ ޓްރެވަލް އެޖެންޓުން ބައިވެރިވި މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ އިޓަލީ ބަހުންނެވެ. ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރާއްޖެ އަށް ޚާއްސަ މި ވެބިނާގައި ރާއްޖެއާ ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިންނެވެ.

ވެބިނާގެ ބައިވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއްވަނީ ދައްކާލާފައެވެ.

އަދި ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ އެންމެ ތަފާތު ކަންތައްތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން އަލުން ރާއްޖެ ހުޅުވާލެވުމުން އިޓަލީގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާކިޔަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް ވެބިނާގައި ބައިވެރިވި އެޖެންޓުންނަށް ވަނީ ދީފައެވެ.

ވެބިނާގައި ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި އިޓަލީގެ ޓްރެވަލް ޓްރޭޑް ސިނާއަތުން ރާއްޖެއާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވި ސުވާލުތަކަށް ވަނީ ޖަވާބުދީފައެވެ. އަދި ވެބިނާގެ ބައިވެރިން ރާއްޖެއާ މެދު ފާޅުކުރި ޝައުގުވެރިކަމުން، ކުރިއަށް އޮތް ތަނުގައި ވެސް އީޓަލީގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ވެގެން ދާނެކަން އެނގިގެންދިޔަ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އިޓަލީގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވަލް އެޖެންޓް، އީޒީމާކެޓް ޓްރެވަލް ސޮލިއުޝަނުން އަންނަނީ އިޓަލީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ކުންފުނީގެ ޚިދުމަތް ދެމުންނެވެ.

1999 ވަނަ އަހަރު އުފެދުނު އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަން އަކީ އެންމެ ފުރަތަމަ އިޓަލީގެ ޓްރެވަލް އެޖެންސީތަކަށް ޗުއްޓީ ޕެކޭޖް ވިއްކަން ފެށި ކުންފުންޏެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބޮޑެތި މާކެޓްތައް ހިމެނޭ ގޮތަށް އޮންލައިން ޓްރެވަލް އެޖެންޓުންނަށް މިފަދަ ވެބިނާތައް ބޭއްވުމަކީ އެމް.އެމް.ޕީ.އާރް.ސީން ފެށި އާ ހަރަކާތެކެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާ މިދަނޑިވަޅުގައި އެމް.އެމް.ޕީ.އާރްސީން ވަނީ މާކެޓް ކުރަމުން އައި ގޮތް ބަދަލުކޮށް ރާއްޖެ އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ.