ވިޔަފާރި

ސިންގަޕޫރުގައި ގައިދުރުކަން ބެހެއްޓުމަށް ހަދާންކޮށްދެނީ ރޮބަޓެއް


މީހުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމަށް ހަދާންކޮށްދިނުމަށްޓަކައި ސިންގަޕޫރުގައި ތަފާތު ގޮތަކަށް އަމަލުކުރުމަށް ނިންމައިފިއެވެ.

ކުއްތާއަކާއި ވައްތަރުގޮތަކަށް ފަރުމާކޮށްފައިވާ ރޮބަޓެއް ކަމަށްވާ 'ސްޕޮޓް'ގެ އެހީގައި ސިންގަޕޫރުގެ ޕާކުތަކަށްދާ އާއްމުންނަށް ގައިދުރުކަން ބެހެއްޓުމަށް އިލްތިމާޒްކުރުމަށް ވަނީ ރާވާފައެވެ. ޕާކުތެރޭ ޕެޓްރޯލްކުރުގައި ސްޕޮޓު ހަރަކާތްތެރިވާއިރު، ގައިދުރުކަން ނުބަހައްޓާ ފަރާތްތަކަށް ނަސޭހަތްދިނުމަށް ކުރިން ރިކޯޑުކޮށްފައިވާ މެސެޖެއް އަޑު އިއްވާނެއެވެ.

ސްޕޮޓުގެ ގައިގައި ކެމެރާ ހަރުކޮށްފައިވާ ހުންނައިރު، ޕާކުގައި އެއްވަގުތެއްގައި ތިބީ ކިތައް މީހުންކަން ބަލާލުމަށް އޮފިޝަލުންނަށް ފަސޭހަވެގެންދާނެއެވެ. މި ކެމެރާތަކުން ވަކި މީހެއް ދެނެނުގަނެވޭނެ ކަމަށާއި، ޒާތީ އެއްވެސް މައުލޫމާތެއްވެސް އެއް ނުކުރާނެ ކަމަށް ސިންގަޕޫރު ސަރުކާރުން ހާމަކުރެއެވެ.

އާއްމުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމަށް ބާރު އަޅާ އާ ގޮތްތަކަކަށް އަމަލުކުރަން ސިންގަޕޫރުގައި ފަށާފައިމިވަނީ އެޤައުމުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ސްފޮޓު ބޭނުންކޮށްގެން ޕެޓްރޯލްކުރުމަށް ކުރިއަށްގެންދާ އަޖުމަ ބެލުމުގެ ޕްރޮޖެކްޓް ކާމިޔާބުނަމަ މި ޕްރޮގްރާމް އިތުރަށް ފުޅާކުރާނެ ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ސިންގަޕޫރަކީ ކޯވިޑް-19 ފެތުރޭ މިންވަރު އެންމެ ރަގަޅަށް މެނޭޖުކުރަމުން ދިޔަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެހެންނަމަވެސް ސެކަންޑު ވޭވުއާއެކު ދުވާލެއްގެ މައްޗަށް އެޤައުމުގައި ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މާޗު 17 ވަނަ ދުވަހު 266 ޕޮޒިޓިވް ކޭސް ރެކޯޑު ކުރެވިފައިވާއިރު، މިއަދަދު މިހާރުވަނީ 21000 ވުރެ މައްޗަށް އަރާފައެވެ.

އެޤައުމުގައި ކޭސްތައް އިތުރުވުމާއި އެކު ސިންގަޕޫރު ސަރުކާރުން ދަނީ މިބަލި ކޮންޓްރޯލް ކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފަމުންނެވެ. އެގޮތުން ކޮންޓެކްޓު ޓްރޭސިންގަށް އެޤައުމުގައި ތަޢާރަފްކޮށްފައިވާ އެޕަށްވެސް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ. އަދި މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި ބަލި މީހުންނަށް ބޭސް ގެންގޮސްދިނުމަށްވެސް ސްޕޮޓުގެ ބޭނުން ހިފަމުންދާ ކަމަށް ސިންގަޕޫރުގެ ސަރުކާރުން ބުނެއެވެ.