ޚަބަރު

ސްކޫލްތަކުގެ ކިޔެވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގޮތާ ގުޅޭގޮތުން ނާއިބް ރައީސް މަޝްވަރާ ކުރައްވައިފި


ކޯވިޑް-19 ގެ މިހާލަތުގައި ސްކޫލުކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި ތަޢުލީމީ ދާއިރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރަމުންދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ. އެގޮތުން މި ޙާލަތުގައި ސްކޫލުކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި އިމްތިހާނުތައް ބޭއްވުން ފަދަ ކަންކަމާމެދު ޢަމަލުކުރާނެ ގޮތްތަކާއި އަދި ދަރިވަރުންގެ ކަންކަން މި ދުވަސްވަރު ބެހެއްޓުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުންވެސް ނާއިބް ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މިޙާލަތުގައި ޓީޗަރުންނާއި ދަރިވަރުންނަށް އަދި ޚާއްޞަކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ދަތިތައް އޮޅުންވިލުއްވައި ޓެލި ކްލާސްތަކާއި އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމުގައި ކަންކަން ރޭވިފައިވާ ގޮތުގެ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަންއާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޯވިޑް-19ގެ ޙާލަތަށްފަހު ސްކޫލުތައް ހުޅުވޭއިރު ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ސްކޫލުތައް ދެން ހުޅުވޭއިރު އިންތިޒާމުކުރަންޖެހޭ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންރޭވިފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް އެބޭފުޅުން ވަނީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ނާއިބް ރައީސް ވަނީ މި ޙާލަތުގައި މަސައްކަތްކުރާއިރު ތަޢުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށްގެން ކަންކަން ކުރިޔަށްގެންދިއުމަށާއި ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.