ޚަބަރު

ކޯވިޑް-19 : ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ އިތުރު 5 ތަނެއް މޮނިޓަރިންގެ ހާލަތަށް


މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ އިތުރު 5 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސް އެތަންތަނުގައި ދިރިއުޅެމުންދާ މީހުންގެ ސާމްޕަލްތައް ނަގަމުންދާ ކަމުގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން މިހާތަނަށް 33 ތަނެއް މޮނިޓަރިންގެ ހާލަތަށްގެނެސްފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 30 ތަނެއްގައި ދިރިއުޅޭ މީހުންގެ ސާމްޕަލް ނަގާފައިވާއިރު ނުނެގި ހުރި 3 ތަނުން ސާމްޕަލްތައް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ބިދޭސީންގެ ތެރެއިން މިހާތަނަށް ކަރަންޓީން ފެސިލިޓީސްތަކަށް 612 މީހަކު ވަނީ ގެންގޮސްފައެވެ. އަދި 475 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީސްތަކަށް ބަދަލުކޮށްފައެވެ.

މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން އެހެން ރަށްތަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ގިނަ ބަޔަކު މިހާރުވެސް ވަނީ މާލެއިން ބޭރުގައި ޤާއިމްކޮށްފައިވާ ފެސިލިޓީތަކަށް ބަދަލުކޮށްފައެވެ.

ކޯވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި 101 ކޮންޓެކްތެއް މިއަދު ދެނެގަނެވުމާއި ގުޅިގެން 206 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ރާއްޖެއިން މިހާތަނަށް އައިސޮލޭޝަންގައި 756 މީހަކު ބައިތިއްބާފައިވާއިރު، ކަރަންޓީން ފެސިލިޓީސްތަކުގައި 1461 މީހަކު އެބަތިއްބެވެ. ރާއްޖެއިން ކޯވިޑް-19 އަށް 835 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި ފަރުވާދެމުންދަނީ 801 މީހަކަށެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން މިއަދު ވަނީ 87 މީހަކު ދޫކޮށްލުމަށް ސާމްޕަލް ނަގާފައެވެ. އަދި 67 މީހަކުވަނީ 14 ދުވަހުގެ މުއްދަތުހަމަވެ 2 ޓެސްޓުގެ ނަތީޖާވެސް ނެގެޓިވްވުމުން ދޫކޮސްލާފައެވެ.