ޚަބަރު

ކޯވިޑް-19 : ކަރަންޓީން ފެސިލިޓީއެއްގެ ކޮމާންޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކަރަންޓީން ކުރެވޭ މީހުންގެ ކަންކަން ބެލެހެއްޓުމަށް ފުރަތަމަ ފަހަރަށް ސިފައިންގެ އަންހެން ކޮމާންޑަރަކު ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފުށިފަރު ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކެޕްޓަން ހަނާ މުޙައްމަދު ކަމަށެވެ.

ޞީއްޚީ ގޮތުން ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ސިއްޙީ ޚިދުމަތްތެރިންނާއެކު އެންމެ ކުރީސަފުގައި ދިވެހި ސިފައިންވެސް ދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. ކޮންމެ ޚިދުމަތެއް ދިނުމުގައިވެސް ސިފައިން ހަރަކާތްތެރިވަނީ މިންތީގެ ހަމަހަމަ ކަމާއިއެކުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގައި މަރުވި 3 މީހުންގެ ތެރެއިން އަންހެން މީހާގެ ޖަނާޒާގެ ހުރިހާ ކަމެއްވެސް ފުރިހަމަކޮށްފައިވަނީ ސިފައިންގެ އަންހެންބޭފުޅުންނެވެ.

ކޯވިޑްގެ އެންމެ ނުރައްކާތެރި ވަގުތުތަކުގައިވެސް އެންމެކައިރިން ޚިދުމަތް ދިނުމުގައި ސިފައިންދަނީ މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. ކޯވިޑް-19ގައި ފަރުވާދެމުންދާ މީހުންނާއި، އައިސޮލޭޝަންގައި ތިބި މީހުންނަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމާއި، ތަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވަމުންދަނީވެސް ސަލާމަތީ ބާރުތަކުންނެވެ.

މާލެ ސަރަހައްދު ލޮކްޑައުންކުރުމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ކަންކަން ހަމަޖެއްސުމުގައިވެސް ސިފައިންދަނީ އިސްދައުރެއް އަދާކުރަމުންނެވެ. މި ނުރައްކާތެރި ހާލަތުގައިވެސް ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސިފައިން ދަނީ ނަމޫނާ މިސާލު ދައްކަވަމުންނެވެ. ސިފައިންގެ ތެރެއިންވެސް ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ ބަލީގައި ފަރުވާ ހޯދަމުންދާއިރު، ދިވެހި ސިފައިން ޤައުމީ ޚިދުމަތަށް ނުކުމެ ތިބީ މި ނުރައްކަލާ ކުރިމަތިލަމުންވެސް ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ސިފައިންވަނީ ވިދާޅުވެފައެވެ.