ޚަބަރު

ކޯވިޑް-19 : އެންއީއޯސީގެ ބޭނުންތަކަށް މާލޭގައި ބޭނުންކުރުމަށް 6 ބަގީ ގެނެސްފި


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ރެޕިޑް ރެސްޕޮންސް ޓީމްގެ ބޭނުންތަކަށް، މާލޭގައި ދުއްވުމަށް ކްރޮސްރޯޑުން 6 އިލްކްޓްރިކް ބަގީ ފޯރުކޮށްދީފިއެވެ. ޓުއަރިޒަމް މިނިސްތްރީން ވިދާޅުވީ މާލޭގެ މަގުތައް ހަނިވުމާއި ގުޅިގެން، އޭންއީއޯސީގައި މިހާރު ހުރި ވެހިކަލްތައް ބޭނުންކުރުމުގައި ދަތިތަކާއި ކުރިވަމުންދާތީ، ރިސޯޓްތަކުގައި ބޭނުންކުރާ ބަގީ ކޯވިޑް-19 އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހޯދާދިނުމަށް އެ މިނިސްޓްރީގައި އެދިފައިވާކަމަށެވެ.

އެގޮތުން ކްރޮސްރޯޑް މޯލްޑިވްސްގެ ހާޑްރޮކް މޯލްޑިވްސްއާއި، ސައި ލެގޫން މޯލްޑިވްސްގެ އެހީއާއިއެކު މާލޭގައި ބޭނުންކުރުމަށް 6 ބަގީ ގެނެސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މި ބަގީތައް ގެނެސްފައިވަނީ މިއަދުއެވެ. ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވެފައިވަނީ ބަގީތައް މާލޭގައި ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދައަަށް އެދިފައިވާކަމަށާއި، ވަރަށް އަވަހަށް ބަގީ ބޭނުންކުރަން ފަށާނެކަމަށެވެ.

މިވަގުތު ސާމްޕަލް ނެގުމާއި އަދި ކޯވިޑާއި ގުޅިގެން ގޭގެއަށް ގޮސް ކުރަންޖެހޭ މަސައްކަތްކުރަނީ އެމްބިއުލާން ބޭނުންކޮށްގެންނެވެ. ނަމަވެސް މި އެމްބިއުލާންތަކަކީ ބޮޑެތި އެމްބިއުލާންސްތައްކަމުން، މާލޭގެ ހަނި ގޯޅިތަކާއި މަގުތަކުގައި ބޭނުންކުރުމުގައި ދަނީ ދަތިތަކާއި ދިމާވަމުންނެވެ.

ކޯވިޑް-19ގެ ހާލަތާއު ގުޅިގެން ކުރަމުންދާ މަސައްކަތުގައި ރިސޯޓްތަކުންދަނީ ބޮޑެތި އެހީތަކެއް ސަރުކާރަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ކަރަންޓީންއާއި އައިސޮލޭޝަން ފެސިލިޓީތަކުގޮތުގައި ރާއްޖޭގެ ރިސޯޓްތައް ބޭނުންކުރަމުން އަންނައިރު، ބައެއް ރިސޯޓަކުން ދަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.