ޚަބަރު

ކޯވިޑް-19 : "މިހާރު ފެންނަގޮތުން، ނުރައްކާތެރިކަން ވަރަށްބޮޑަށް ކުޑަކުރެވިދާނެ"


ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ޙާލަތުގައިވެސް ރާއްޖޭގައި ފެނިގެންދާނެކަމަށް ގަބޫލުކުރެވެނީ "ވަރަށް ލޯ ސާޖެއް" ނުވަތަ ނުރައްކާތެރިކަން ކުޑަ ޙާލަތެއް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރެޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ރައްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކޭސްތައް ފެންނަމުންދާ ގޮތަށްބަލާއިރު ކުރިން އަދާޒާކުރި ޢަދަދަށް ދިއުމަކީ ދުރުކަމެއްކަމަށެވެ. އަދި ކުރިން އަންދާޒާ ކުރިގޮތަށް ބަލި އެވަރަށް ފެނިދާނެކަމަށް ބަލައިގެން މިހާރުވެސް ފިޔަވަޅުތައް އަޅައި ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުުންވެސް ސާޖް ކުޑަކުރެވޭނެކަމަށެވެ.

ޑޮކްޓަރ ވިދާޅުވީ ފުރަބަންދަކީ ސާޖް ކުޑަކުރުމުގެ އެންމެ މުހިންމު ފިޔަވަޅުކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ފުރަބަންދާއެކު ސާޖްތައް ކުޑަކޮށް މުޖުތަމައުގައި ބަލި ކޮންޓްރޯލްކުރުމަށް ވަރަށްބޮޑު ފަސޭހައަކަށް އެކަން ވެގެންދާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކުރިއަށް އޮތީ ބަލީގައި އެންމެ ނުރައްކާވަނެކަމަށް ބެލެވޭ ދުވަސްތަކަށްވާއިރު، ބަލިޖެހޭ މީހުން ފެންނަމުންދާނެކަމަށާ، ނަމަވެސް ކުރިން އަންދާޒާކުރެވުނު ޢަދަދަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުނުވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

"ސާޖް އޮތީ އަދި. ފެންނަ ނަންބަރަކުން އަދި ރިލެކްސް ވެވޭކަށްނެތް. ލޮކްޑައުންއަކީ ސާޖް އެންމެބޮޑަށް ތިރިކޮށްލެވޭނެ އެއްކަންތައް. މީގެ އެހެން ބޭނުމެއް ވެސް އެބައޮތް. ލޮކްޑައުންއާއެކު މީސްމީހުންގެ ދިރިއުޅުންވެސް އެގޮތަށް ހޭނެމުންވެސް އެބަދޭ. އެހެންވެ އެސާޖް އަދި ނުފެންނަނީ ކަމަށްވެސް ވެދާނެ. އުންމީދަކީ މިހާރު މި ދާގޮތުން ސާޖް ވަރަށް ބޮޑަށް ތިރިކުރެވިދާނެ ކަމަށް." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ބަލީގައި ސާޖެއް އައިކަން އެގޭނެ އެންމެބޮޑު ގޮތަކީ ޓެސްޓުކުރުން ކަމަށްވީނަމަވެސް ރާއްޖޭގައި އެންމެ ބޭނުންވާ ޢަދަދަށް ޓެސްޓްނުކުރެވުމަކީ ސާޖެއްއުމުން ނޭގިދާނެ ކަމެއް ނޫންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ޑަބްލިއުއެޗްއޯއިންވެސް ކަޑައަޅާފައިވާ މިންގަނޑުތަކުގައި ސާޖެއް އަންނަނަމަ ބަލަނެ މިންގަނޑުތަކެއް ވެއެވެ. އެގޮތުން ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވެ، އެޑްމިޓްކުރާ މީހުންގެ އަދަދު މައްޗަށް ދިއުމަކީ ސާޖެއް އަންނަނަމަ ފެންނާނެ ކަންތައްތަކެއްކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ.

"ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރިޔަސް އެހެން ގޮތްގޮތުން ސާޖެއް އަތުވެއްޖިއްޔާ އެނގޭނެ. އެކަމަކު ސާޖެއް އައިކަން ކަށަވަރު ކުރަން ހަމަ ޖެހޭނީ ޓެސްޓުތަކުން ދައްކަން. ސާޖެއް އަންނާނެކަން އެގޭނެ ގޮތްތަކުގެ ތެރޭގައި ގިނަ މީހުން ކްލިނިކްތަކަށް ދައްކަން ދިއުން. ފަރުވާ ހޯދުން. އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުން. މިއީވެސް ސާޖެއް އައިސްފިނަމަ ވާނެކަންތައްތަކެއް. އެކަމަކު މިހާތަނަށް އަޅުގަނޑުމެން ހީކުރިވަރުގެ ސާޖެއް ނާދޭ. ލޮކްޑައުން އިތުރު ވުމާ އެކު ސާޖް ދަށްކުރެވޭނެ ކަމަށް އަޅުގަނޑުމެން ބަލަނީ" ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.ވިދާޅުވީ ޕީކް ދުވަސްތަކުގައި ބަލި ޖެހޭ މީހުން އިތުރަށް ފެންނަމުން ދާނެކަމަށެވެ. ނަމަވެސް އެއްދުވަހުން އަނެއްދުވަހަށް ބަލިޖެހޭ މީހުންގެ ނިސްބަތް މިހާރު ފެންނަމުންދާ ގޮތަށްބަލާއިރު މަދުކުރެވޭނެކަމަށް ލަފާކުރެވޭކަމަށާ، މިހާއަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުންއާއިއެކު ފެންނަ ޢަދަދު މަދުވެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ އުންމީދު ބޮޑުކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.