ޚަބަރު

ކޭސްތައް ގިނަވިޔަސް ކޮންޓެކްޓްސް އަންނަނީ މަދުވަމުން - ޑރ.ނަޒްލާ


މާލެ ސަރަހައްދު ފުރަބަންދު ކުރިފަހުން ކޭސްތައް ފެންނަމުންދިޔަ ނަމަވެސް ކޮންޓެކްޓް މަދުވަމުން އަންނަކަމަށް ޑރ ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ މާލެއިން ކޯވިޑްގެ ކޭސްތައް ފެނުނުއިރާ ބަލާއިރު މިހާތަނަށް ފެންނަ ކޭސްތަކާއި ގުޅޭ ކޮންޓެކްޓްސް މަދުވަމުން އަންނަކަމަށެވެ.

އެގޮތުން ފުރަތަމަ މާލެއިން ކޯވިޑް ކޭސްތައް ފެނުނު ހަފްތާގައި 66 ކޭސް ފެނުނުއިރު އެ ކޭސްތަކާއި ގުޅޭ 1868 ކޮންޓެކްޓްސް ފެނިފައިވާކަމަށެވެ. އަދި ޖެހިގެން އައި ހަފްތާއަކީ ގިނަ އަދަދެއްގެ ބިދޭސީންނާއި ތޮއްޖެހިގެން ގިނަ އަދަދެއްގެ މީހުން އުޅޭ ތަންތަނާއި ނުވަތަ އެއް މަސައްކަތު މާހައުލެއްގައި އުޅޭ ގިނަ ބަޔެއްގެ ގައިން ބަލި ފެނުނު ހަފްތާއެއްކަމަށެވެ.

ކޮންމެ ހަފްތާއެއްގައި ކޭޭސްތަކާއި ކޮންޓެކްޓްސް ފެނުނު ގޮތް

15 އޭޕްރިލް - 22 އޭޕްރިލް
ޖުމްލަ ކޭސް - 66
ކޮންޓެކްޓްސް - 1868

23 އޭޕްރިލް - 29 އޭޕްރިލް
ޖުމްލަ ކޭސް - 191
ކޮންޓެކްޓްސް - 1972

30 އޭޕްރިލް - 6 މޭ
ޖުމްލަ ކޭސް - 341
ކޮންޓެކްޓްސް - 1267

7 މޭ - 13 މޭ
ޖުމްލަ ކޭސް - 337
ކޮންޓެކްޓްސް - 914

ޑރ ނަޒްލާ ވިދާޅުވީ ފުރަބަންދަށް ދިޔަ ފަހުން ކޭސްތައް ފެންނަމުން ދިޔަ ވަރަކަށް ޓެސްކުރަމުންދާ ވަރު އިތުރުވި ނަމަވެސް އެވެރެޖްކޮށް ކޮންމެ ކޭސްއަކަށް ބަލާއިރު ފެންނަ ކޮންޓެކްޓްސްގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އަދި ޖުމްލަކޮށް ބަލާއިރު ކޮންޓެކްޓްސްވެސް މަދުވެފއިވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮންޓެކްޓްސްގެ ތެރެއިން އަލާމަތްތައް ފެންނަމުން އަންނަނީ ވަރަށް މަދު ބައެއްގެ ކިބައިންކަމަށެވެ. އެގޮތުން ކޮންޓެކްޓްސްގެ ތެރެއިން ޕޮޒިޓިވް މީހުންގެ ތެރެއިން އަލާމަތްތައް ފެނުނީ އެންމެ ދިހަ އިންސައްތަ މީހުންގެ ގައިންކަން ޑޮކްޓަރ އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ.