ޚަބަރު

ޕާކިސްތާނުގެ އެތެރޭގެ ވައިގެ ދަތުރުތައް އަލުން ފަށައިފި


ކޯވިޑް-19 ފެތުރުމުގެ ސަބަބުން ޕާކިސްތާނުގެ އެތެރޭގެ ވައިގެ ދަތުރުތައް ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

ޕާކިސްތާނުގައި ދިރިއުޅޭ މީހުންނަށް އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ ބޮޑެތި ސިޓީތަކަށް ވައިގެ ދަތުރުތައް ޝަރުތުތަކަކާއެކު އަލުން ފެށުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުންވަނީ ދީފައެވެ. ދަތުރުތައް އަލުން ފަށާފައިވަނީ އެތެރޭގެ އުދުހުންތައް ހުއްްޓާލާފައި އޮންނަތާ 2 މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެގޮތުން އިސްލާމްއާބާދަށާއި ކަރާޗީއަށާއި ލާހޯރަށާއި ޕެޝަވަރާއި ކުއެޓާއަށް މެއި 16ވަނަ ދުވަހުން ފެށިގެންވަނީ ވައިގެ ދަތުރުތައް އަލުން ފަށާފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 31ވަނަ ދުވަހުގެ ފަހުންނެވެ.

ދަތުރުތައް ފެށުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހުރިހާ ފަސިންޖަރުން މާސްކު އެޅުމާއި ހޭންޑު ސެނިޓައިޒަރު ބޭނުންކުރުން ހިމެނެއެވެ. އޭގެ އިތުރުން ކޮންމެ ދެ ފަސިންޖަރެއްގެ ދޭތެރޭގައި ހުސް ގޮނޑިއެއް ބައިންދަން ޖެހެއެވެ. އެތެރޭގެ ސަރަޙައްދުތަކަށް ދަތުރުކުރާ ބޯޓުތަކާއި ޗާޓަރު ބޯޓުތަކަށް ފަސިންޖަރުން އެރުވުމުގެ ކުރިން ރަނގަޅަށް ޖަރާސީމު ފިލުވަންޖެހެއެވެ. ދަތުރުމަތީގައި ކާބޯތަކެތި ބޭނުންކުރުން މަނާވާނެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ މުއްދަތެއް ނެތްގޮތަށް ޤައުމު ފުރަބަންދުކޮށްފައި ނުބޭއްވޭނެކަމަށާއި ބައްޔާއެކު ދިރިއުޅެން ދަސްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ އެޤައުމުގައި ނުރަސްމީ މަސައްކަތްކުރާ 25 މިލިއަނަށްވުރެ ގިނަ ލޭބަރުންނާއި މަސައްކަތްތެރިންނަށް އާމްދަނީ ލިބޭނެ މަގެއް ހޯދައިދިނުމަށް ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދު އުވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޕާކިސްތާނުގައި 38،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 834 މީހުންވަނީ އެބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލީގެ އަސަރު އަލަށް ކޮށްފައިވާ 1300އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ.