ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި


ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓިން ފޮނުވި ރިޕޯޓްގައި އެޗްއާރުސީއެމްގެ މެންބަރުންނާމެދު ގޮތެއް ނިންމަވާދެއްވުން އެދިފައިވާކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ބޮޑު މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށެވެ.

މަޖިލީހުގެ އައު ޤަވާއިދު ބުނާގޮތުން މުސްތަޤިއްލު މުއައްސަސާތަކުން މެމްބަރުންނާއި، މުސްތަޤިއްލު މަޤާމުގައި ތިއްބަވާ ބޭފުޅުން، އެ މަޤާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރަން ޖެހިވަޑައިގަންނަވާނެއެވެ. އެއަށްފަހު ބަހުސްކުރުމެއްނެތި އެ މައްސަލަ ދިރާސާކުރުމަށް ކަމާގުޅުންހުރި ކޮމިޓީއަށް ފޮނުވަންވާނެކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްގެ މެންބަރުންމަޤާމުން ވަކިކުރުމަށް ނިންމާ ކޮމިޓީން ނިންމި ރިޕޯޓްގައި ވަނީ، މަޖިލީހުން މަޢުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުވުމުގެކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ޙާލަތު ބެލުމަށް އެޗްއާރުސީއެމުން އެއްވެސް ޒިޔާރަތެއް ކޮށްފައިނުވާކަމަށެވެ. އަދި އިޤްތިޞާދީ ލޮޅުންތަކާއި ގުޅިގެން އެތައްބައެއްގެ ވަޒީފާގެ ހައްޤު ކުއްލިއަކަށް ގެއްލި އާމްދަނީ ލިބުމުން މަހުރޫމުވެގެން ދިޔައިރުވެސް، މިކަމުގައި އެކޮމިޝަނުން ދެކޭގޮތް އަދި އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފައި ނުވާކަމަށެވެ. މީގެ އިތުރުން ޢާންމު އުސޫލުން ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އަދި އެޗްއާރުސީއެމްއަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު ޖަލުގައި ތިބޭ މީހުން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައިނުވާކަމަށްވެސް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގެ ރައީސްއަކީ، އައިމިނަތު އީނާސްއެވެ. އަދި ނައިބު ރައީސް އަކީ މުޙައްމަދު ޒާހިދެވެ. ދެން ތިއްބެވި މެންބަރުންނަކީ މޫސާ އަލީ ކަލޭފާނާއި، ނައިވީން ޢަބްދުﷲ އާއި އައިޝަތު އަފްރީން މުޙައްމަދެވެ.