ޚަބަރު

ކޯވިޑް-19 : މަނަދޫއިން ޕޮޒިޓިވްވި 80 އަހަރު މީހާ ރަނގަޅުވެއްޖެ


ނ.މަނަދޫން ކޯވިޑަށް ޕޮޒިޓިވްވި 80 އަހަރުގެ މީހާ ބަލިން ރަނގަޅުވެ ވެފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއިން ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. އަދި އެންމެ ބޮޑު ސަލާމުކަމެއް މިވަގުތު ހުރީ ބަލި ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ފަރުވާދީ އެމީހުންގެ ކަންކަން ބެލެހެއްޓުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިވަގުތު ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނަބަޔަކު ބަލިން ރަނގަޅުވަމުންދާއިރު، މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭކަމީ ލިބޭ ހިންހަމަޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ނ.މަނަދޫއިން ކޯވިޑަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާ އަށް ފަރުވާދީފައިވަނީ އައިޖީއެމްއެޗުގައިކަމަށެވެ. އަދި އެމީހާ ކޯވިޑަށް އެންމެފަހުން ކުރި ޓެސްޓްތަކުން ނެގެޓިވްވެފައިވާކަމަށެވެ. ރާއްޖޭގައި ބަލި ފެންނަމުންދާ މިންވަރު މިހާލަތުގައި މަދުނަމަވެސް މިކަމުގައި އެއްވެސް ރައްޔިތަކު ފަރުވާކުޑަނުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އައިޖީއެމްއެޗްގައި މިވަގުތު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ތެރެއިން މަނަދޫއިން ޕޮޒިޓިވްވި 80 އަހަރުގެ މީހާގެ އެންމެ ފަހުން ނެގި ޓެސްޓްވެސް ވަނީ ކޯވިޑަށް ނެގެޓިވެވްވެފަ. މިއީ މިމަސައްކަތުގައި އުޅޭ މީހުންނަށް ލިބޭ ވަރަށްބޮޑު ހިންހަމަޖެހުމެއް. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ޒުވާން އުމުރުގެ މީހުން. އެ އެންމެންގެ ހާލުވެސް އިރާދަކުރްވީތީ މިވަގުތު ރަނގަޅު" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެތެރެއިން އަތޮޅުތަކުގައިވެސް ކޯވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުންދާ ކަމެއްކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް އަތޮޅުތެރޭގައިވެސް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.