ޚަބަރު

އީދުގެ ފަޅުކަން މުޅި ރާއްޖެއިން، ޙިދުމަތްތެރިން އާއިލާއާއި ދުރުގައި


ބަރަކާތްތެރި ރަމަޟާން މަސްނިމި އުފާވެރި ފިތުރުއީދު މިވަނީ މުސްލިމު އުއްމަތާއި ބައްދަލުކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ބަރަކާތްތެރި ރަމަޟާން މަހުގައިވެސް މުސްލިމު އުއްމަތް ތަހަންމަލްކޮށްފައިވަނީ ހިއްދަތިކަމެވެ. ޒަމާނުއްސުރެ އީދަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި އަޚްވަންތަކަން ދައްކުވައިދޭ އުފާވެރި ދުވަހެކެވެ. އީދު ދުވަހު ޢީދު ނަމާދު ކުރުމަށް ބާއްވާ ބޮޑު ޖަމާޢާތަކީ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އީދުގެ ތަހުނިޔާ ބަދަލުކުރެވޭ މުހިންމު ޖަމާއަތެކެވެ. ޢީދު ދުވަހުގެ އެންމެ މުހިންމު އަދި އެންމެ މަތިވެރި މި އަޅުކަން މުޅި މުސްލިމް އުމްމަތްވެސް މިއަދު އަދާކުރީ ތަފާތު އިޙްސާސްތަކަކާއެކުގައެވެ.

އީދުނަމާދަށްފަހު އީދު ދުވަސް ރާއްޖޭގައިވެސް ފާހަގަކުރަމުންދަނީ ވަރަށް އުފާވެރި އަދި ކުލަގަދަ ގޮތެއްގައެވެ. ނަމަވެސް މިއަހަރުގެ އީދު ދިވެހިންނާއިވެސް ބައްދަލުކޮށްފައިވަނީ ދުނިޔޭގެ އެހެން މުސްލިމު ޤައުމުތަކެކޭ އެއްގޮތަށް ވަރަށްވެސް ފަޑު ފަޅު އީދެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެހެން ޤައުމުތަކާއި ޚިލާފަށް ރާއްޖޭގައި އީދު ނަމާދު ޖަމާއަތުގައި ކުރުމުގެ ފުރުސަތު ގިނަބަޔަކަށް ލިބިގެންދިޔައެވެ. ގިނަ ދުވަސްތަކަަށްފަހު އަތޮޅުތަކުގެ ގިނަ ރަށްތަކުގައި މިއަދު ވަނީ ބޮޑު ޖަމައާތްތަތަކުގައި އީދުނަމާދުކޮށްފައެވެ.

ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ރަށްރަކުގައިވެސް އުފާވެރި މަންޒަރެއް ވަނީ ފެނިގެން ގޮސްފައެވެ. އާއިލާތައް އެކީ ގޭގޭގައި ޖަމާއަތް ހަދައިގެން ވަނީ އީދު ނަމާދުކޮށްފައެވެ. ނަމަވެސް މިއަދު ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ޤައުމެއްގައިވެސް އީދު ކުޅިވަރުތަކާއި ޢީދު ފާހަގަކުރުމުގެ ޙަރަކާތްތައް މިއަދު ފެންނަނީ ވަރަށް ފަނޑުކޮށެވެ.

މިއީ އީދު ދުވަހުގެ އުފާވެރިކަން ހާސިލްކުރުމަށްވުރެ އެކަނިވެރިކަމާއި، ހިތްދަތި ކަމުގައި ވަގުތުތައް ގުނަމުންދާ މީހުންނާއި، ދަތި އުދަގޫތަކުގައި ތިބި މީހުންގެ މަތީން ހަދާންކުރަންވީ ދުވަހެވެ.

މިއީދުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެތައްބަޔަކު ވަގުތުތައް ހޭދަކުރަމުންދަނީ އާއިލާއާއި ވަކިންނެވެ. ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައިވެސް އަޅާފައިވާ ފިޔަވަޅުތަކާއިއެކު އަމިއްލަ އާއިލާއާއި ދަރިން ލޮލަށްނުފެނި އެތައް ދުވަހަކު ޤައުމީ ޚިދުމަތުގައި ތިބި މީހުން މަދެއްނޫނެވެ. އަދި ބަލީގައި ފަރުވާ ހޯދަމުންދާ 1100 އަށްވުރެ ގިނަ މީހުންވެސް ވަގުތުތައް ގުނަމުންދަނީ އާއިލާއާއި ދުރުގައި އެކަނިމާއެކަންޏެވެ. މިއަދު ކޮންމެ ރައްޔިތަކުވެސް އެންމެ ބޮޑަށް ހަދާންކުރަންވީ މި މީހުންގެމަތިންނެވެ.

ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިފައިންނާއި، ފުލުހުންނާއި، ޕައިލެޓުންނާއި، މިނޫންވެސް އެތައް ޙިދުމަތްތެރިންނެއް ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި އާއިލާއާއި ދުރުގައި ހޭދަކުރަމުންދަނީ ވަރަށްވެސް ހިއްދަތި އުދަގޫ ވަގުތުތަކެކެވެ. ނަމަވެސް މިއިންކޮންމެ ބޭފުޅަކު ޤައުމަކަށްޓަަކައި ވަމުން އެދަނީ ކޮންފަދަ ބޮޑު ޤައުރުބާނީއެއްތޯއެވެ؟

މި ހިތްދަތި ވަގުތުގައި ހިތްދަތިކަމުގެ މައްޗަށް ހިތްދަތިކަން މެދުވެރިވާ ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނާ މިދަނީ ކުރިމަތިވަމުންނެވެ. އެތައް ބަޔެއްގެ ވަޒީފާ ގެއްލިއްޖެއެވެ. އެތައް ބައެއްގެ މުސާރަ ކުޑަވެއްޖެއެވެ. ދަތުރުފަތުރު ކުރުމަށް ދަތިވެއްޖެއެވެ. ލޯބިވާ ދަރިންނާއި، ޢާއިލާއާއި އެއްބަނޑު އެއްބަފާ މީހުންގެ ގާތަށް ދިއުމުގެ ފުރުޞަތު ހަނިވެއްޖެއެވެ. މިއިން ކޮންމެ ކަމަކީ އިންސާނެއްގެ ޙައިސިއްޔަތުން އެތައް ކެކުޅުމެއް އިޙްސާސްކުރެވޭނެ ކަމެކެވެ. ނާއުއްމީދުވުމާއި ބިރާސްކަން ވެރިވާނެ ކަމެކެވެ.
ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ ލޯބިވާ އާއިލާގެ ބޭނުންތަކާއި މުހްތާދުތައް ފުއްދޭނެ ގޮތެއްނެތް ކޮންމެ ހިނދެއްގައި، ތިމާގެ ޙަޔާތަށް ބަނަކަން ފޯރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އާއިލާއާއި ވަކިން މިފަދަ ބޮޑެތި އާއިލީ ދުވަސްތައް ނިމިގެންދާއިރު ކުރެވޭ އެކަނިވެރިކަމާއި ހިތްދަތިކަން މިވަނީ އިތުރުވެފަ.

އީދަކީ އުފާވެރިކަމާއެކު މުޅި މުޖުތަމަޢުގެ ބައިވެރިވުން ފެނިގެންދާ ގިނަ ޙަރަކާތްތަކަކާއެކު ކުރިއަށްދާ އުފާވެރި ދުވަހެކެވެ. އާންމުކޮށް ޢީދު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ކުލަޖެހުމާއި، ފެންޖެހުމާއި، ސަޤާފީ ކުޅިވަރުތައް ކުޅުމާއި، ކުޅިވަރު މުބާރާތްތައް ބޭއްވުުންފަދަ ކުލަގަދަ ހަރަކާތްތައް ބާއްވަމުން ދެއެވެ. ނަމަވެސް މިޢީދު ފާހަގަކުރަން މިޖެހުނީ ފުރަބަންދުގައެވެ. އެކަކު އަނެކަކާއި ގައިދުރުކަން ބެހެއްޓުމަށް މަޖުބޫރު ކުރަމުންނެވެ.

މުސީބާތުގެ މިފަދަ ވަގުތެއްގައި ކެތްތެރިވުމަކީ ދަތި އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، ހެޔޮ ނިޔަތަކާއެކު ވިސްނާލައިފިނަމަ، ކޮންމެ އިންސާނަކީވެސް ދުނިޔޭގެ ދަންފަޅި ހަމަކުރަމުންދާއިރު، މުޞީބާތްތަކާ ކުރިމަތިވާނޭ މީހެއްކަން ޤަބޫލުކުރެވޭނެއެވެ. އެކި މީހުންނަށް މުޞީބާތް ކުރިމަތި ވާނީ އެކި މިންވަރަށެވެ. އިސްލާމް ދީނުގެ މަދްރަސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅަކީ، ކޮންމެ މުޞީބާތަކީ، ކޮންމެ ތަކްލީފަކީ އިމްތިޙާނެކެވެ.