ޚަބަރު

ކޯވިޑް-19 : މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމާމެދު އެންއީއޯސީއާ މަޝްވަރާ ކޮށްފައެއްނުވޭ - މަބްރޫކް


ކޯވިޑް-19ގެ މިޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުގައި މަޖިލިސް ޖަލްސާއެއް ބޭއްވުމާމެދު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާ ރަސްމީކޮށް މިހާތަނަށް މަޝްވަރާކޮށްފައެއް ނުވާކަމަށް އެސެންޓަރުން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދު ފުރަބަންދުގައި އޮތް މިޙާލަތުގައި ޢާއްމުކޮށް އޮފީސްތަކާއި ކުންފުނިތައް ހުޅުވައިގެން މަސައްކަތް ފެށުމަށް އަދި މިހާތަނަށް ލުއި ދީފައި ނުވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބާއްވަން ނިންމަވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ. މިކަމާމެދު ޢާއްމުންގެ ކަންބޮޑުވުންކަން އޮތްކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މަޖިލީހުގެ ފަރާތުން އަދި މިހާތަނަށް އެސެންޓަރާ އެފަދަ އެއްވެސް މަޝްވަރާއެއް ރަސްމީކޮށް ކުރައްވާފައި ނުވާކަމަށެވެ.

މިހާތަނަށް މިކަމާމެދު ރައްޔިތުންގެ މަޖިލީހާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާ އެއްވެސް މަޝްވަރާއެއް ރަސްމީކޮށް ކުރެވިފައި ނުވާކަމަށް މަބްރޫކް ވިދާޅުވެފައި މިވަނީ، ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތުޒާމުތައް ހަމަޖައްސައި މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބާއްވަން ނިންމަވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވަނިކޮށެވެ.

ކޯވިޑް-19ގެ މިޙާލަތުގައި އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވަމުންދަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެކަން ނިންމަވައިގެންނެވެ. އެސެންޓަރަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކެއްގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ސެންޓަރެކެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް ދައުލަތުގެ ހުރިހާ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އެއާއި އެކި ސްކޫލްތަކާއި ހޮޓޯ ރެސްޓޯރަންޓްތަކާއި އާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި މިސްކިތްތަކގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ ހުއްޓާލާފައެވެ.

ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ރައްޔިތުން މަޖިލީހުގެ ޖަލްސާތައްވެސް ވަނީ މާރިޗު މަހުގެ 12 ވަނަދުވަހުން ފެށިގެން ހުއްޓާލާފައެވެ. އެއަށްފަހު މާރިޗު މަހުގެ ފަހުކޮޅު އޮންލައިންކޮށް ޖަލްސާތައް ބާއްވަން ފަށާ މިހާތަނަށްވެސް މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އައިސްފައިވަނީ އެގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ތަޅުމުގައި ބާއްވަން ނިންމައި މަޖިލީހުންވަނީ މެމްބަރުން ޖަލްސާގައި ތިއްބެވުމުގައިވެސް ވަކި އިންތިޒާމުތަކެއްވެސް ހަމަޖައްސާވާފައެވެ. މިއާއެކު މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުންކަމަށް މަޖިލިސް އިދާރާއިން ވިދާޅުވެއެވެ. އަދި އެމެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓަކްޝަން އެޖެންސީން އަންގަވާފައިވާ ދުރުމިނުގައިކަމަށާ، އަދި އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާގޮތަށް އިންތިޒާމުތަކަށް ބަދަލު ގެނެސްފައިވާކަމަށްވެސް މަޖިލީހުގެ އިދާރާއިންވަނީ ވިދާޅުވެފައެވެ.