ޚަބަރު

ރައްޔިތުންގެ މަޖިލިސް : މާދަމާގެ ޖަލްސާއަށް ވަޑައިގަތުމަށް މެންބަރުންނަށް ފުލުހުން ހުއްދަ ދޭންފަށައިފި


ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް ނިންމެވި ޖަލްސާއަށް މެންބަރުން ވަޑައިގަތުމުގެ ހުއްދަ ފުލުހުން ދޫކުރަންފަށައިފިއެވެ. ކޯވިޑް-19ގެ މިޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުގައި މަޖިލިސް ޖަލްސާއެއް ބޭއްވުމާމެދު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާ ރަސްމީކޮށް މިހާތަނަށް މަޝްވަރާކޮށްފައި ނުވާކަމަށާއި، އެފަދަ ހުއްދައެއް ދީފައި ނުވާކަމަށް މިރޭ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ މިރޭ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން މިހާރު އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މަޖިލީހުގެ ޗެމްބަރުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވުމުން އެކަމާ ބައެއް މެންބަރުންވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ބައެއް މެންބަރުން ޖަލްސާއަށް ވަޑައިގަންނަވާނެކަމަށް ވިދަޅުވިނަމަވެސް، އަނެއްބައި މެންބަރުން ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ޚާއްޞަ ހުއްދައެއްނެތި ޖަލްސާތައް ނުބޭއްވޭނެކަމަށް ވިދާޅުވެ ޖަލްސާއަށް ވަދައިނުގަންނަވާނެކަން ހާމަކުރައްވާފައެވެ. މާދަމާ ހެނދުނު 11 ޖަހާއިރު މަޖިލީހުގައި ބާއްވާ ޖަލްސާއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ މެންބަރުންނަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ދެމުންދާކަން ބައެއް މެންބަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

މާލެ ސަރަޙައްދު ފުރަބަންދުގައިއޮތް މިޙާލަތުގައި ޢާއްމުކޮށް އޮފީސްތަކާއި ކުންފުނިތައް ހުޅުވައިގެން މަސައްކަތް ފެށުމަށް އަދި މިހާތަނަށް ލުއިދީފައި ނުވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބާއްވަން ނިންމަވާފައިވަނީ މެންބަރުން މަޖިލީހަށް ޙާޒިރުނުވެ ޤާނޫނު އަސާސީ އިޞްލާޙުކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެތީކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ އިދާރާއިންވެސް ވިދާޅުވެފައިވަނީ، ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޒާމުތައް ހަމަޖައްސައި މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބާއްވަން ނިންމަވާފައިވާކަމަށެވެ.

ކޯވިޑް-19ގެ މިޙާލަތުގައި އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވަމުންދަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެކަން ނިންމަވައިގެންނެވެ. އެސެންޓަރަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކެއްގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ސެންޓަރެކެވެ. ކޯވިޑްއިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް ދައުލަތުގެ ހުރިހާ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.