ޚަބަރު

ރާއްޖެއިން ދިޔަ ބަޔަކު ޕޮޒިޓިވިކަން އަންގާފައެއް ނެތް - މަބްރޫކް


ރާއްޖެއިން ލަންކާއަށް ދިޔަ އެ ޤައުމުގެ އެއްވެސް މީހަކު ކޯވިޑްއަށް ޕޮޒިޓިވިކަމެއް ރަސްމީކޮށް އަންގާފައިނުވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ. ލަންކާ ސަރުކާރާއި ހަވާލީ އެ ޤައުމުގެ މީޑިއާތަކުން ބުނެފައިވަނީ ރާއްޖެއިން އެ ޤައުމަށް ދިޔަ ތިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އެންއޯއީސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ލަންކާގެ ގިނަ ރައްޔިތުންތަކެއް އެޤައުމަށް އެނބުރި ގޮސްފައިވާކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން ދިޔަ ބަޔަކު ޕޮޒިޓިވްކަން ރަސްމީކޮށް އެ ޤައުމުގެ ސަރުކާރުން އަދި އަންގާފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ލަންކާއިން ކޯވިޑްއަށް މިހާތަނަށް 1,633 މީހުންވަނީ ޕޮޒިޓްވެފައެވެ. އަދި މި ބަލީގައި 10 މީހުން މަރުވެފައިވާއިރު 800 ވުރެ ގިނަ މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ބިދޭސީންގެ ތެރޭގައި ލަންކާގެ 9 ރައްޔިތުން ހިމެނެއެވެ.