ޚަބަރު

ކޯވިޑް-19 : އަލަށް ވިހާ ކުދިންނަށް ފުރަބަންދު ނިމެންދެން އާސަންދަ ލިބޭނެ


ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް މަންމަގެ އައިޑީކާޑަށް ފުރަބަންދު ނިމެންދެން އާސަންދައިގެ ޚިދުމަތް ލިބޭނެކަމަށް އެކުންފުނި ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ މީގެކުރިން އަލަށް ވިހާ ކުއްޖާގެ އައިޑީކާޑު ހެއްދެންދެން 28 ދުވަސް ވަންދެން އެކުއްޖާގެ މަންމަގެ އައިޑީކާޑުން އާސަންދައިގެ ޚިދުމަތް ދެމުން ދިޔަ ނަމަވެސް، އެ އުސޫލަށް އާސަންދައިން މިހާރު ބަދަލު ގެނެސްފައިވާކަަމށެވެ. މަރްޔަމް ޝަފީޤް ވިދާޅުވީ، އަލަށް ގެނައި ބަދަލަކީ ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ ފުރަބަންދު ނިމެންދެން އެކުއްޖާގެ މަންމަގެ އައިޑީ ކާޑު ބޭނުންކޮށްގެން އާސަންދައިގެ ޚިދުމަތް ދިނުން ކަމަށެވެ.

މީގެ އިތުރުން އެކުންފުނިން މިހާލަތުގައި ގެނެސްދީފައިވާ ލުއިތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަމުން މަރްޔަމް ޝަފީޤް ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ބޭސް ފިހާރައަކުން އާސަންދަ ލިބޭނެކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޚިދުމަތްތައް އޮންލައިންކޮށް ދެމުން އަންނަކަން ފާހަގަކުރައްވާ މަރްޔަމް ޝަފީޤް ވިދަޅުވީ، ގޭގެއަށް ބަލިމީހުން ގާތަށް ގޮސް ދެމުންދާ ޚިދުމަތްވެސް މިހާރު އާސަންދައިން ކަވަރކުރެވޭނެކަމަށެވެ.