ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތައް ފަށައިފިއެވެ.
މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެސްޖޭ ކޮންސްޓްރަކްޝަނުން ބުނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރާ ތަނުގައި މޮބިލައިޒްވެ، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިހާރު އެތަން ސާފުކޮށް އެތަނުގައި ހުރި ތަކެތި ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އިމާރާތްކުރާ ދަރުމަވަންތަ ސްކޫލުގެ މަސައްކަތްތައް އެސްޖޭ ކުންފުންޏާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
1000 ކުދިންގެ ޖާގައިގެ މި ސްކޫލް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލުކުރިނަމަވެސް ކޯވިޑް 19 ގެ ސަބަބުން ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާލުން ލަސްވެދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގައި ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހަަދަންވަނީ ނިންމާފައެވެ. 1000 ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ މިސްކޫލްގައި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެއްވެސް ހުންނާނެއެވެ. މީގެއިތުރުން މަސައްކަތު މީހުންނަށް ޚާއްސަ ޖަގަހަ ތަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހުންނާނެއެވެ. މި ސްކޫލްގެ ޢިމާރާތުގެ މަސައްކަތް ނިންމައި 2022 ވަނަ އަހަރު އެތަނުގައި ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ.
އަލަށް ޢިމާރާތްކުރުމަށް ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކީ ވަށާޖެހޭ ތަޢުލީމެއްދެވޭ އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލެވެ.
ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ.
އެތަން ބާވެ ބޭނުންނުކުރެވޭވަރު ވުމުގެ ސަބަބުން 2016ވަނަ އަހަރުވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭންވަނީ ފަށާފައެވެ.