ވޮލީ

ސީނިއަރ ވޮލީ ޓީމަށް ދިމާވި ހަޤީޤީ މައްސަލައަކީ ކޮބާ؟


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިޔަ ޓީމްތަކުގެ ތެރެއިން ސީނިއަރ ފިރިހެން ވޮލީބޯޅަ ޓީމަކީ މެޑެއްޔަކަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެން، އެކަމަށް ތައްޔާރުވެގެން ދިޔަ ޓީމެކެވެ. ރަނގަޅު މުބާރާތެއް ނިންމާލައި، މެޑެއްޔަކާއެކު އިތުބާރު ހޯދައިގެން ދިޔަ ޓީމެކެވެ. ނަމަވެސް ގޭމްސް ނިމުނުއިރު ވޮލީ ޓީމް އޮތީ ހަތަރު ވަނައިގައެވެ. މިއީ މުޅި ޓީމްވެސް މާޔޫސްކުރިވި ނަތީޖާއެކެވެ. އެއީ މެޑެއްޔަކަށް ކުރި އުއްމީދު ހާޞިލްނުވުމުންނެވެ. މެޑެއްޔެއް ނުލިބުމުގައި ތަފާތު ސަބަބުތައް ހުރިކަމަށް ކޯޗުންނާއި ކުޅުންތެރިން ބުނެއެވެ. ހަޤީޤީ މައްސަލައަކީ ކޮބައިބާއެވެ؟ޓީމްގެ ކެޕްޓަން އިޝާން މުޙައްމަދު ބުނީ އެންމެ ބޮޑު މައްސަލައަކީ އިންތިޒާމްތައްކަމަށެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްފަހު އެނބުރި މާލެ އައުމުގެ ކުރިން އިޝާން ބުނީ ރީޔޫނިއަންގައި އޮގަނައިޒިންގެ ކަންތައްތައް ހުރިގޮތުންނާއެކުވެސް ރަނގަޅަށް ނުކުޅެވުނީކަމަށާއި، ޓީމްތައްވެސް ވަރަށް އެއްވަރުކަމަށެވެ. ޓީމްގެ ކެޕްޓަން ބުނީ ނަތީޖާއާއި މެދު އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭކަމަށެވެ."ހިތްހަމައެއް ނުޖެހޭ މުބާރާތުގެ ނަތީޖާއާއި މެދުއެއް. ދެން މިކޮޅުގެ ކަންތައްތައް ދިޔަގޮތާއި ދޭތެރޭވެސް އެހާބޮޑަކަށް ހިތްހަމައެއް ނުޖެހޭ. ދެން އޯކޭ އަނެއްހެން މުބާރާތް. މިކޮޅުގެ އޮގަނައިޒިންގ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ. އެއީދެން އަޞްލު ބޮޑު މައްސަލައަކީ." ޓީމްގެ މައިބަދައިގެން ގޮތުގައި ބެލެވޭ އިޝާން ބުންޏެވެ.ޓީމްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހުސެއިން ސައީދުވެސް ބުނީ މެޑަލްއަކާއި ހަމައަށް ނުދެވުނީ އޮގަނައިޒިންގެ ކަންތައްތައް ހުރިގޮތުންކަމަށެވެ. ނަމަވެސް ކުޅުމާއި މެދު ހިތްހަމަ ޖެހޭކަމަށެވެ."ޓީމް ޕާފޯމަންސް ހަމަ ރަނގަޅޭ ބުނާނީ. އެކަމަކު އޮގަނައިޒިންގެ ކަންތައްތައް ހުރި ގޮތުން އަޞްލުގައި މެޑަލްއަކާއި ހަމައަށް ނުދެވުނީ، އަޅުގަނޑު ދެކޭގޮތުގައި. ހުރިހާކަމެއްވެސް. އެއީ މެޗަށްދާންވެސް އާދޭސްކޮށްގެން. ބަހެއް ހޯދަން ވިޔަސް އާދޭސްކޮށްގެން. މެޗު ކުޅެން ވިޔަސް އާދޭސްކޮށްގެން. މިހުރިހާކަމެއްގައިވެސް އާދޭސްކޮށްގެން މިތާ ކަންތައްތައް ކުރަން މިޖެހުނީ. މިކަހަލަ ގޭމްސްއަކަށް އަހަންނެއް އަދި ނާންނަން. " ހުސެއިން ސައީދު ބުންޏެވެ.އެހެން ނަމަވެސް ހުސެއިން ސައީދު ބުނީ އެހެން ޓީމްތައް ތަންކޮޅެއް ތަފާތުނަމަވެސް މިއީ ވާދަކުރެވޭ ވަރުގެ މުބާރާތެއްކަމަށެވެ. ކޯޗިންގ ޓީމްގައި މަސައްކަތްކުރި އެސިސްޓެންޓް ކޯޗު އަހުމަދު އަދީލް ބުނީ ދިޔައީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން މެޑެއްޔަކަށްކަމަށާއި، ނަމަވެސްއެކަން ނުވީކަމަށެވެ. އެކަން ނުވުމުގައި ބައެއްކަންކަން ދިމާވިކަމަށެވެ. ނަމަވެސް އެއީ މެޑަލް ނުލިބުމުގެ ރީޒަންއަކަށް ދައްކަން ބޭނުންނުވާކަމަށް އަދީލް ބުންޏެވެ. "ވަރަށް ކީ ދެ ޕްލޭޔަރަކަށް އިންޖަރީވި ކޭމްޕްގައި ގޮސް އުޅެނިކޮށް. އެއީ ޝާހު އަދި އަހުސަން. އަޅުގަނޑުމެންނަށް ވަރަށް މުޙިއްމު ދެ ކުޅުންތެރިން. އެމީހުން އަޞްލު ހަންޑްރެޑް ޕަސަންޓް ފިޓެއްނޫން މެޗުތައް ކުޅުނު އިރަކު. އެތަން ފެނޭ ހަމަ ވަރަށް ބޮޑަށް. ތިންވަނަ ހޮވާ މެޗު އަޅުގަނޑުމެންނަށް ކުޅެން ޖެހުނީވެސް ފުދޭވަރަކަށް އަވަސް، ރިކަވަރީއަށް ވަގުތު ނުލިބި. އެރޭ ސެމީފައިނަލް ކުޅެފަ، އަނެއް ދުވަހު ހެނދުނު އެގާރަ ޖަހާކަށްހާއިރު ތިންވަނަ ހޮވާ މެޗު ކުޅެން ޖެހުނީ. އެއީވެސް ހަމަ ރީޒަންއެއް އިނގޭތޯ އަޅުގަނޑުމެންނަށް، ބްރޯންޒް މެޑަލްއަކަށް ދިއުމަށް ހުރަސް އެޅުނު." އަދީލް ބުންޏެވެ. ޓީމްގެ ތައިލެންޑްގެ ކޯޗުގެ ވާހަކަތައްވެސް ގުޅިފައިހުރީ އިންތިޒާމްތަކާއެވެ. ދިގު ދަތުރުކުރަން ޖެހުމާއި، ކެއުން ރަނގަޅު ނުވުމަކީވެސް ކޯޗު ފާހަގަކުރި ކަންކަމެވެ. އެސަބަބުތަކާއެކުވެސް ކޯޗު ބުނެފައިވަނީ ބަލިވުމުގެ ނުވަތަ މެޑަލް ނުލިބުމުގެ ޒިންމާ އޭނާ ނަގާކަމަށެވެ.