ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ޒޯން ކޮލިފިކޭޝަން އަންހެން ޑިވިޞަންގެ ފައިނަލަށް އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ދަތުރުކޮށްފިއެވެ.
އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ބާރަ ޕޮއިންޓާއެކު ގްރޫޕް ސްޓޭޖުގެ އެންމެ ކުރި ހޯދައިގެންނެވެ. ރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗްގައި ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތާ ވާދަކޮށް އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ފައިނަލުން ޖާގަ ހޯދީ ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ ސެޓްތައް އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ގެންދިޔައީ ފަންސަވީސް ސާދަ ފަންސަވީސް ސަތާރަ އަދި ފަންސަވީސް ނުވަޔަކުންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިހަވަންދޫ ކްލަބް ޕޯލް ސްޓަރގެ ފާތުމަތު ތަހޫރާއެވެ. ފައިނަލަށް ދާނެ ދެވަނަ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީފައިނަލް މެޗަށްފަހުއެވެ. މިރޭ ކުޅޭ ސެމީފައިނަލްގައި ބައްދަލުކުރާނީ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ހޯދި ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތާ ފަސް ޕޮއިންޓާއެކު ގްރޫޕް ސްޓޭޖްގެ ތިންވަނައަށް ދިޔަ ނޮޅިވަރަމް ކްލަބް ހުވާސްއެވެ.