ޚަބަރު

ކޯވިޑް-19 : ފަތުރުވެރިކަން އަލުން ފެށުމުގެ މަސައްކަތުގެ އެންމެ ކުރީސަފަށް މިނިސްޓަރު


ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިއޮތް އޮތުމަށް ނިމުމެއް ގެނެސް މި ސިނާޢަތް އަލުން ފެށުމުގެ މަސައްކަތުގައި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ކުރީސަފަށް ނިކުމެ މަސައްކަތް ފައްޓަވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުކުރުން ހުއްޓި އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކާއިވަނީ ކުރިމަތިވެފައެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. އިޤްތިޞާދުގެ 70 އިންސައްތަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއިންވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން މައިދޮރޯށި ބަންދުކޮށް ފަރުވެރިން ރާއްޖެ ގެނައުން ހުއްޓާލާފައެވެ.

އަލުން ފަތުރުވެރިކަން ޖުލައި މަހު ހުޅުވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެ އިޝްތިހާރުކޮށް ފަރުވެރިކަން ގެނައުމުގެ މަސައްކަތް ކުރުމަށް ބޮޑެތި މަަސައްކަތްތަކެއް ވަނީ ކުރަންޖެހިފައެވެ. މިކަމުގައި އެންމެބޮޑު މަސައްކަތެއް ކުރަންޖެހިފައިވަނީ ޓުއަރިޒަމް މިނިސްޓްރީއައި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީއެވެ. ރާއްޖެ މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ރަސްމީކޮށް ފަށާފައިވާއިރު، މިމަސައްކަތުގައި މިނިސްޓަރ ޢަލީ ވަޙީދު ވަނީ އެމަނިކުފާނުފެ އަޑާއިއެކު ވީޑިއޯއެއް ސޯޝަލް މީޑިޔާއަށް ދޫކޮށްލާފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން މިކަމާއި ގުޅޭ ދިރާސާއެއް ޓޫރިޒަމް މިނިސްޓްރީން ރާއްޖެއަށް ގެނައި މެޑިކަލް ޓީމުން ވަނީ ހަދާފައެވެ. އަދި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްވެސް ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުންދިއުމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާޗުމަހުގެ ފަހުކޮޅުގައެވެ. އެއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.