ޚަބަރު

ކޯވިޑް-19 : ބޭރުން ގެންނަ ދިވެހިން، ގޭގެ ކަރަންޓީނަށް


މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެތެރެއިން ބައެއް މީހުން މިމަހުގެ 15އާއި 17ގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރެޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މެލެޝިއާގައި ދިދިއުޅޭ މީހުން އަނބުރައި ރާއްޖެ ގެންނަ ފްލައިޓްތައް ބާއްވާ ތާރީޚު ޔަގީންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށްބަލާއިރު، މެލޭޝިއާއިން އަންނަ ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަމަހުގެ 15ވަނަ ދުވަހާއި 17ވަނަ ދުވަހުކަމަށެވެ.

މީގެއިތުރުން މިމަހުގެ 10ވަނަ ދުވަހު ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 265 މީހަކު ގެނައުމަށް ހަމަޖެހިފައިވާކަމަށާ، މިމީހުން ރާއްޖެ ގެނައުމުގެކުރިން ރާއްޖެ ގެނެސް ހޯމް ކަރަންޓީން ކުރާ ތަންތަނާއި އެތަންތަނުގެ މައުލޫމާތު ސާފްކުރަމުންދާނެކަމަށްވެސް ނެޝަނަލް އެމެޖެންސީ އޮޕަރެޝަން ސެންޓަރުން ވިދާޅުވެއެވެ.

ސްރީ ލަންކާއިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ މީހުން ރައްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯ މަގުން ސްރީ ލަންކަން އެއަރލައިންސްގެ ފްލައިޓެއްގައެވެ. މިކަމަށްޓަކައި ސްރީ ލަންކަން އެއަރލައިންސްއިން އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ އެޤައުމަށް ބޭސްފަރުވާއަށް ދިއުމަށްފަހު އެނބުރި ރާއްޖެ ނާދެވި ތިބި މީހުންނާއި، ފަތުރުވެރިންގެ ގޮތުގައި ސްރީ ލަންކާއަށް ދިއުމަށްފަހު ނާދެވި ތިބި މީހުންނާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި، ރާއްޖެއަށް އެނބުރި ނާދެވި ތިބި މީހުންނާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ ރާއްޖެ އަންނަން ބޭނުންވާ މީހުންނާއި ދިރިއުޅުމުގެ ޙާލަތު މިހާރު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުންކަމަށް އެސެންޓަރުން މަޢުލޫމާތުދެއްވައެވެ.

މިފްލައިޓްގެ ސީޓިންގ ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ އެންމެންނަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށާ، ނަމަވެސް ފްލައިޓްގައި ޖާގައޮތް މިންވަރަކުން އިތުރު މީހުންނަށް ޖާގަ ދެވޭތޯ ދަނީ މަސައްކަތްކުރަމުންކަމަށްވެސް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން 2 ފަހަރެއްގެ މަތިން ފޮރިން މިނިސްޓްރީން ވަނީ ސްރީ ލަންކާގައި ތިބި 130އަށްވުރެ ގިނަ ދިވެހިން މޯލްޑިވިއަންގައި ރާއްޖެ ގެނެސްފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ ދިވެހި ޢާއިލާތަކަށް ކެއަރ ޕެކޭޖް ފޮނުވައިދިނުމުގެ އިންތިޒާމްވެސް ހަމަޖައްސައިދީފައިވެއެވެ.