ޚަބަރު

ކޯވިޑް-19 : ރަނގަޅުވި މީހުންގެ ޢަދަދު 1150 އަށްވުރެ މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 32 މީހަކު ބަލިން ރަނގަޅުވެ، ރާޢްޖެއިން ރަނގަޅުވި މީހުންގެ ޢަދަދު 1153 އަށް އަރައިފިއެވެ. މި ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 813 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދުވަނީ 585 އަށް އަރާފައެވެ. ރަނގަޅުވި މީހުންގެ ނިސްބަތް މިހާރު އުޅެނީ 58 އިންސައްތައިގައެވެ. މި ބަލިން ރަނގަޅުވާ މީހުންގެ އިންސައްތަ މޭމަހުގެ ނިޔަލަށް ދަށުގައި ހުރި ނަމަވެސް މީހާރު މިއަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ކޯވިޑް-19 އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ އަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

މި ބަލިން ރަނގަޅުވި މީހުންގެ އަދަދުތަކަށް ބަލާއިރު މިމަހު މި ބަލިން އެންމެ ގިނަ މީހުން ރަނގަޅުވެފައިވަނީ އިއްޔެއެވެ.

މިމަހު ބަލިން މީހުން ރަނގަޅުވި ޢަދަދު

  • 3 މީހުން ( 1 ޖޫން 2020 )
  • 37 މީހުން ( 2 ޖޫން 2020 )
  • 36 މީހުން ( 3 ޖޫން 2020 )
  • 4 މީހުން ( 4 ޖޫން 2020 )
  • 69 މީހުން ( 5 ޖޫން 2020 )
  • 46 މީހުން ( 6 ޖޫން 2020 )
  • 64 މީހުން ( 7 ޖޫން 2020 )
  • 98 މީހުން ( 8 ޖޫން 2020 )
  • 85 މީހުން ( 9 ޖޫން 2020 )
  • 111 މީހުން (10 ޖޫން 2020)
  • 32 މީހުން (11 ޖޫން 2020)

މިމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ބަލި ރަނގަޅުވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 111 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ދިފާއީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ނުހަދަން އެޗްޕީއޭއިން ވަނީ ނިންމަވާފައެވެ.