ޚަބަރު

ހޯމަ ދުވަހުން ފެށިގެން ވަކި ހުއްދައެއް ނުހޯދައި ބޭރަށް ނުކުމެވޭނެ


އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ގެއިބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރެޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ޢަބްދުﷲ ވިދާޅުވީ މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ފަތިހު 5:00އިން ރޭނގަޑު 22:00އަށް ކަމަށެވެ.

ހުއްދައަކާއި ނުލައި ނުކުމެ އުޅެވުނަސް އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށް އެޗްޕީއޭއއިން ހަމަކުރައްވައެވެ. އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމުގައިވެސް 3 މީހުނަށްވުރެ ގިނައިން އެއްތަންގައި އެއްވެ ނޫޅުމާއި، ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކު އަޅައިގެން ތިބުމަށްވެސް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭ ސަރަހައްދަށް ދޭ ލުޔާއިއެކު ޕާކްތަކާއި މައިޒާންތައްވެސް އާއްމުކޮށް ހުޅުވާލުމަށް އެޗްޕީއޭއިން ވަނީ ނިންމަވާފައެވެ.

މާލެ ސަރައްހައްދު އާއްމުކޮށް ހުޅުވާލާއިރު ހުރިހާ ރީޓެއިލް ވިޔަފާރިތައްވެސް ހޯމަދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލާނެއެވެ. އެހެންނަމަވެސް ކެފޭ ރެސްޓޯރަންޓްތަކުން އަދިވެސް ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަނިއެވެ. ބޭރަށް ނުކުމެ ވިޔަފާރި ކުރެވޭނީ ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށެވެ. އެހެންނަމަވެސް ފިހާތަކުންވެސް އަދި ކެފޭ ރެސްޓޯރަންޓްތަކުންވެސް ރޭގަނޑު 1:30 ގެ ނިޔަލަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހޮސްޕިޓަލްތަކާއި ކްލިނިކްތައްވެސް އަންނަ ހޯމަދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލަނެކަމަށެވެ. އެހެންނަމަވެސް މި ތަންތަނަށް ހިދުމަތް ދިނުމުގައި ވަކި އުސޫލްތަކެއް ހުންނާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގައި އިތުރު ހުއްދައަކާ ނުލައި ރޭގަނޑު 22:00އާ ހަމައަށް ނުކުމެ އުޅެވުނު ނަމަވެސް އޭގެ ފަހުގެ ވަގުތުތަކަކީ ކާފިއު ޢިއުލާން ކޮށްފައި އޮންނަ ވަގުތުތަކެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. މާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދުން ފެށިގެން މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ ހޯމަދުވަހުން ފެށިގެން ބޭރަށް ނުކުމެވޭ ބައެއް ގަޑިތައް

- ފަތިހު 5:00އިން ހެނދުނު 8:00 އަށް (ޢުމުރުން ދުވަސްވީ މީހުން )
- ހަވީރު 16:00އިން އިރުއޮއްސި 18:00އަށް ( ކުޑަކުދިންނަށް (ބެލެނިވެރިޔަކާއެކު) )
- އިރުއޮއްސި 18:00އިން ރޭގަނޑު 21:00އަށް ( ކަސްރަތު ކުރާމީހުންނަށް )

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ނެތް ހުރިހާ ރަށެއްގައި މިއަދުން ފެށިގެން އާއްމުކޮށް ދަތުރު ފަތުރުކުރުމާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ފަތުރުކުރުމުގައިވެސް އެއްވެސް ބަންދެން ނޯންނާނެކަމަށެވެ. އަދި ކޯވިޑް ނެތް ރަށްތަކަށް ވައިގެ މަގުން ދަތުރު ފަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް މާލެއިން ރަށްރަށް ފުރާ މީހުންނާއި މާލެއަށް އަންނަ މީހުން އަދިވެސް އާދެވޭނީ ވަކި އުސޫލެއްގެ މަތިން ނަގަންޖެހޭ ހުއްދަތަކާއި އެކުކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލެ ފިޔަވާ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ތާރީހެއް އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މާލެ ފުރަބަންދުކުރި ފަހުން ކޯވިޑް19 އަށް މާލެއިން ޕޮޒިޓިވް މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އަދި ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މާލެ ސަރައްދުގެ ފުރަބަންދުގެ މުއްދަތު އިތުރުކުރި އިރު މިއަދާ ހަމައަށް ރާއްޖޭގައި އެބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1972 އަރާފައެވެ. އެހެންނަމަވެސް މި ބަލި ޖެހުނު ގިނަ މީހުންވަނީ ރަނގަޅުވެފައެވެ. މި ބަލީގައި މިހާރު ރާއްޖޭގައި ފަރުވާ ދެމުންދަނީ 813 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން 8 މީހަކު މަރުވެފައިވެއެވެ.